ފަލަސްތީނަށް އުފަން ނުސައިރު ޔާސިން (ނަސް) ދައުވާ ކުރާ ގޮތުގައި އޭނައަކީ އިޒްރޭލު އޮތުމަށް ތާޢީދުކުރާ މީހެކެވެ.
އިޒްރޭލުގެ ޕާސްޕޯޓުވެސް އޮންނަ ނުސައިރަށް މީގެ ކުރިންވެސް އެތައް ފާޑުކިޔެމެއް ވަނީ އަމާޒުވެފައެވެ. އަދި އޭނާ އަކީ އިޒްރޭލްގެ ޕްރޮޕެގެންޑާތައް ފެތުރުމުގައި އުޅޭ މީހެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ދިފާޢުކޮށް ޢާންމުކުރި ވީޑިއޯއެއްގެ ސަބަބުން ނަސް ޑެއިލީގެ 18 މިލިއަން ފޮލޯވާސް މި ފަހުން ފޭސްބުކުން ގެއްލިފައިވެއެވެ. މިދިޔަ އާދިއްތަ ދުވަހު ނަސް ޑެއިލީގައި އަރަބީންނާއި ޔަހޫދީންނާއި ގުޅޭ ގޮތުން ކުރި ޕޯސްޓުގެ ކުރިން އެ ޕޭޖުގައި 38 މިލިއަން ފޮލޯވަރުން ތިއްބެވެ. ހަފްތާއެއް ނުވަނީސް މި އަދަދު މިވަނީ 20 މިލިއަނަށް ވެއްޓިފައެވެ.
ނަސް ޑެއިލީ މަޝްހޫރުކަން ހޯދައިފައިވަނީ 1 މިނިޓެޑުގެ 1000 ވީޑީއޯ ދުނިޔޭގެ އެތައް ޤައުމަކަށް ދަތުރުކޮށް އުފައްދައިގެންނެވެ. އޭނަގެ ވީޑިއޯތައް އެތައް މިލިއަން ބަޔަކު ބަލާއިފައިވެއެވެ. ނަސް ފާހަގަކުރެވިގެން ދަނީ ވަރަށް ބޮޑަށް އިސްލާމް ދީނާއި މުސްލިމުންނަށް ފުރައްސާރަކުރާ މީހެއްގެ ގޮތުގައެވެ. އަދި ދީނީ ޝިއާރުތަކަށް އެއްވެސް ބެލުމެއް ނެތި އިހުތިރާމެއް ނެތި ހަޖޫޖަހާ މީހެއްގެ ގޮތުގައެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް، ސޯޝަލް މިޑިއާގައި އެއް މިނެޓްގެ ވީޑިއޯތަކެއް އާންމުކޮށްގެން މަޝްހޫރުކަން ހޯދާފައިވާ ނުސައިރު ޔާސީން ރާއްޖެ އަށް އައިސް ހެދި ވީޑިއޯ އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވެ އެވެ. ރާއްޖޭގައި އޭނާ ހެދި ވީޑިއޯގައި ދައްކަނީ ބުރުގާ އެޅި ޒުވާން އަންހެނަކު، ބުރުގާ ނަގަން ބޭނުންވެ އެކަމަކު އެކަން ނުކުރެވިގެން އުޅޭ ވާހަކަ އެވެ.
"ނަސް ޑެއިލީ"ގެ ނަމުގައި ފޭސްބުކްގައި ކޮންމެ ދުވަހަކު ވެސް އެއް މިނިޓްގެ ވީޑިއޯއެއް އާންމުކުރާ ނަސް އާންމުކުރި އެ ވީޑިއޯގައި ދައްކަނީ 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ބުނާ މީހެކެވެ. ނަމަވެސް އެ ޒުވާނާގެ ނަން ވަނީ ސިއްރުކޮށްފަ އެވެ. މުހާތަބު ކުރަނީ "އެކްސް" ގެ ގޮތުގަ އެވެ. ބުރުގާ އަޅައި މޫނު ނިވައިކޮށްގެން ހުރެ އޭނާ ބުނަނީ އެހެން މީހުންގެ ޕްރެޝަރާ ހެދި ބުރުގާ ނަގަން ނުކެރިފައި ހުރި ވާހަކަ އާއި އޭނާގެ ބޮޑު އިސްތަށިގަނޑު އެންމެންނަށް ދައްކާލަން ބޭނުންވާ ވާހަކަ އެވެ.
ވީޑިއޯގައި ނަސް ބުނި ގޮތުގައި އެކްސްގެ އުމުރުން 13 އަހަރުގައި އޭނާގެ ކްލާހުގެ ހުރިހާ ކުދިން ވަނީ ބުރުގާ އަޅައި އިސްތަށިގަނޑު ފޮރުވައިފަ އެވެ. އެހާ ހިސާބުން އެކްސްގެ އިސްތަށިގަނޑު ފޮރުވަން މަޖުބޫރު ކުރުވީ މުޖުތަމައުގެ ތެރޭގައި އުޅުނު މީހުން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެންގެ މައިންބަފައިން ވެސް މަޖުބޫރެއް ނުކުރޭ ބުރުގާ އަޅާކަށް،" ޒުވާނާ ކިޔައިދިނެވެ.
އޭނާ ބުނީ ބުރުގާ އެޅުމަށް ފަހު، އެ ބުރުގާ ނަގައިފި ނަމަ، އެކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެ ޒުވާނާ ބޭނުން ވަނީ ބޮލުގެ އިސްތަށިގަނޑު ދައްކާލަން ކަމަށް ވީޑިއޯގައި ނަސް ބުންޏެވެ. އެއާއެކު، އަނެއްކާ ވެސް އެ ޒުވާނާ އިސްތަށިގަނޑު ނިއުޅުވާލަ އެވެ.
ރީމް ނަމުގައި މި ވީޑިއޯ އަށް ފާޑު ކީ އަންހެނަކު ވަނީ ބުރުގާ އެޅުމަށް ލޯބިކޮށް، އެ އަޅާ ހިތްވާ މީހުންނާ އިންޓަވިއުކޮށް ވީޑިއޯ ނުކުރަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އަދި ނަސް ކުރަން އުޅެނީ ކޮން ކަމެއްތޯ އާއި "އެއްފަޅި" ދައްކަން އުޅެނީ ކީއްވެތޯ ވެސް ރީމް ސުވާލު ކުރި އެވެ.
ނުސައިބާ ބިންތު އަބްދުﷲ ނަމުގައި ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުނީ ނަސްގެ ވީޑިއޯ އަށް އަރާ ހިތުން ދީނަށް ވެސް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ބުރުގާ ބާލަންވީމާ ބޭލީމާ ނިމުނީ ކަމަށާއި އެކަމާ ސުވާލު ކުރެވޭނެ ދުވަހެއް ބުރުގާ ބޭލި މީހާ އަށް އަންނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
"ދީފައި ތިއޮތީ ވަރަށް ގޯސް މެސެޖެއް. މިތަނަކީ ތި ބުނާހާ ހަރުކަށި ތަނެއް ނޫން. ކީއްވެތަ ނުބުނީ ރޯދަ ވެސް ހިފަނީ އެންމެން ރޯދަ ހިފާތީ މަޖުބޫރުވެގެންނޭ؟. އެހެން މީހުންނަށް އައިޑެންޓިޓީ ފޮރުވިޔަސް އެނގެންވާ ފަރާތަށް ސިއްރެއް ނުވާނެ. ކޮން 1 މިނިޓެއްތަ؟" ނުސައިބާ ބުންޏެވެ.
އަޖްމަލް ނަމުގައި ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުނީ އިސްލާމް ދީނުގައި މުސްލިމުންނަށް އެއްވެސް ކަމެއް މަޖުބޫރު ނުކުރާ ކަމަށެވެ. އަދި ވީޑިއޯގެ ބޭނުމަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދުން ކަމަށް ބުނެ، އަޖްމަލް ވަނީ ވީޑިއޯ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ފަލަސްތީނަށް އުފަން، އުމުރުން 25 އަހަރުގެ ނަސް ވީޑިއޯ ހަދަން ފެށީ، އޭނާ އަދާކުރަމުން ދިޔަ ސޮފްޓްވެއާ އިންޖިނިއޭރު ކަމުގެ ވަޒީފާ ދޫކޮށްލައިފަ އެވެ. ވަރަށް އާދައިގެ ގޮތަކަށް، ހަމައެކަނި އާއިލާގެ މީހުން ބައިވެރިކޮށްގެން އޭނާ ކުރަން ފެށި އެ މަސައްކަތް ފުޅާވެ، މިހާރު އޭނާ އަންނަނީ އެކި ގައުމުތަކަށް ދަތުރުކޮށް، އެ ގައުމުތަކުގައި ހުންނަ ކަންކަމުގެ ވާހަކަތައް ގެނެސްދެމުންނެވެ.
މިހެން ގެނެސްދޭ ވާހަކަތަކުގައި އިސްލާމް ދީނުގެ އަސްލުތައް އޮޅުވައިލަން އޭނާ ވަރަށް ބޮޑަށް މަސައްކަތްކޮށްފައި އެބަ ހުއްޓެވެ. މިކަމާ ހުރެ މުސްލިމުންގެ ތެރޭން ގިނަ ބަޔަކު ދަނީ އޭނާ އަންފޮލޯ ވެސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް