ހަމަލާގެ ތަހުގީގު ކުރަމުންދަނީ އިންތިޒާމްވެގެން، ތަހުގީގަށް ހުރަސް ނާޅާ: ސީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާ ތަހުގީގު ކުރަމުން ދަނީ އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެކު ކަމަށް ކޮމިޝަނާ އ...

23 May 2021 | 05:47

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާ ތަހުގީގު ކުރަމުން ދަނީ އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެކު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ބޮމުގެ ހަމަލާގެ ތަހުގީގު ހިނގަނިކޮށް، ހަމަލާގެ މަގްސަދާއި އެކަން ކުރި ބަޔަކާ ގުޅުވައި ސޯޝަލްމީޑިއާގައި ގިނަ ވާހަކަތަކެއް ފަތުރަމުންދާތީ އެވެ. އެގޮތުން  ހަމަލާއާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގުން މިހާރު ހޯދާފައިވާ ކުރިއެރުންތަކާ މެދު ސުވާލު އުފައްދައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ގެންދަނީ ޓުވީޓު ކުރައްވަމުންނެވެ.

ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމުވެ ބޭރުގެ މާހިރުންގެ ފަންނީ ލަފައާ އެކުގައި ކަަމަށެވެ. އަދި މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ތަހުގީގުގެ ތެރެއިން ބަލަމުން އަންނަ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ތަހުގީގުގެ އިތުބާރަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ އެދިވަޑައިގަތެވެ.

https://twitter.com/M_Hameedh/status/1396327008502652929

ނަޝީދަށް ދިިން ހަމަލާގެ ތަހުގީގާއި ގުޅިގެން އެމްޑިޕީގެ ސަޕޯޓަރުން ދަނީ މި ހަމަލާ ދިނުމަށް ފަންޑު ކުރި މީހުން ހޯދަން ގޮވާލަމުންނެވެ. އަދި މެމްބަރުން ގެންދަވަނީ ނަޝީދަށް ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ ހަމަލާއެއް ކަމަށް އަސްލު ބެލުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ހަމަލާ އާއި ގުޅުން ހުރި އެހެން އެތައް ކަމެއް ތިލަވަމުންދާ ކަމަށް ވިދާޅުވެފައި އެވެ.

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައިވަނީ އެމަނިކުފާނު ގެކޮޅު، ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުން ހިންގަވާފައި ގޮސް މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ. މި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެންނެވި އިރު އެ ޒަހަމް ތަކަށް އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލަކުން ވަނީ ފަރުވާ ހޯއްދަވާފަ އެވެ.

މި މައްސަލައިގަ މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް