ފްލައިން ސްކޫލްގެ ދަރިވަރުންނަށް ބަދަލުދޭން ޖެހޭނީ އޭއޭއޭގެ ފައިސާއިން: ރޮޒެއިނާ

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ބަދަލުދޭން ޖެހޭނީ އެ ސްކޫލް ހިންގަމުން އަންނަ ސްރީލަންކާގެ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)  ފައިސާ އިން ކަމަށް އައްޑޫ މީދޫ ދާއިރާ...

23 May 2021 | 05:36

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ބަދަލުދޭން ޖެހޭނީ އެ ސްކޫލް ހިންގަމުން އަންނަ ސްރީލަންކާގެ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)  ފައިސާ އިން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިން ސްކޫލްގައި ހިނގަމުންދާ ކަންކަމަށް އޭއޭއޭ އިން ޒިންމާ ނަގަންޖެހޭ ކަމަށާއި އަދި ދަރިވަރުންނަށް ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ފައިސާ އަކީ ސަރުކާރުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި އެހެން ރައްޔިތުން މީގެ ޒިންމާ ނަގަން ނުޖެހޭ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"ދަރިވަރުންނަށް ބަދަލު ހޯދައިދޭން ޖެހޭނީ ސީދާ އޭއޭއޭ ގެ ފައިސާ އިން. މިކަމާ ބަންޑާރަ ނައިބުގެ މަޝްވަރާ ވެސް ހޯދާނަން" ރޮޒެއިނާ ވިދާޅުވިއެވެ.

https://twitter.com/Roxeyna/status/1396155145285554177

ފްލައިން ސްކޫލްގެ މައްސަލަ އަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސުރަންޖަން ޑި ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން މިއަދުން ފެށިގެން ވަނީ ބާތިލް ކޮށްފަ އެވެ. އަދި ފްލައިން ސްކޫލްގެ މައްސަލަތަކަށް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލްގެ އެކައުންޓެބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ވެސް އަތުލާނެ ކަމުގެ އެންމެފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ވަނީ ދީފައެވެ.

ފްލައިން ސްކޫލްގެ އިސްވެރިޔަކަށް ފިޔަވަޅު އަޅާފައިވާއިރު، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފްލައިން ސްކޫލް އެއްކޮށް ހުއްޓުމަކަށް ވަނީ އައިސްފައެވެ. އަދި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްގައި ދުއްވާނެ އެއްވެސް ބޯޓެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް