ކޯވިޑް-19 އަށް ފަރުވާއެއް ކަމަށް ބުނެ ހުއްދަ ނޫން ދިވެހި ބޭހެއް ވިއްކާތީ އެކަން ހުއްޓާލުމަށް އަންގައި އެ މައްސަލަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަލަން ފަށައިފި އެވެ.
މި ބޭސް ހަދައިގެން ވިއްކަމުން ދަނީ މާލޭގައި ހުންނަ ސެންޓާ ފޯ ޓްރެޑިޝަނަލް މެޑިސިން ކިޔާ ފިހާރައަކުންނެވެ. "ހާބަލް ކޮވިޑް ކެއާ"ގެ ނަން ދީފައިވާ ބޭހުގެ 400 އެމްއެލް ފުޅިއެއް ވިއްކަނީ 80 ރުފިޔާއަށެވެ.
މި ބޭހަކީ ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މިހާތަނަށް ހުއްދަ ދީފައިވާ ބޭހެއް ނޫނެވެ. އަދި މި ބޭސް ވިއްކުން ވަގުތުން ހުއްޓާލަން އަންގައި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
އެމްއެފްޑީއޭގެ ގަވައިދު ބުނާގޮތުން ރާއްޖޭގައި ދިވެހި ބޭހެއްވެސް ވިއްކޭނީ އެމްއެފްޑީއޭން ފާސް ކުރުމަށް ފަހުގަ އެވެ. ދިވެހި ބޭސްވެސް ވިއްކުމުގެ ހުއްދަ ދެނީ ސައިންޓިފިކް ރިސާޗަށް ފަހުގަ އެވެ.
ބޭސް ވިއްކުން ހުއްޓާލަން އަންގާފައިވީ ނަމަވެސް، މިހާރު ވެސް އެ ފިހާރައިން ބޭސް ވިއްކަމުން އެބަދެ އެވެ.
ބައެއް ޑޮކްޓަރުންނާއި ނަރުހުން ވަނީ މިބޭހުގެ މައުލޫމާތު ލިބިގެން ބޭސް ބޭނުން ކުރުމާއި ގުޅޭ ގޮތުން ވަރަށް ގިނަ އާއްމުން ސުވާލު ކުރަމުން ގެންދާކަމަށް މީސް މީޑިއާގައި ބުނެފައެވެ.
ކޯވިޑް-19 އަށް އަދި މިހާތަނަށް އެއްވެސް ބޭހެއް އުފެދިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް