އެންމެ ނުރައްކާތެރި އަލިފާން ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ ނީރަގޮންގޯ ފަރުބަދަ ގޮވަންފަށައިފި

ކޮންގޯގައި އަލިފާން ފަރުބަދައެއް ގޮވަން ފަށާފައިވާތީ އެ ޤައުމުގެ ގޯމާ ސިޓީގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ރަސްމީ އިދާރާތަކުން އަންގައިފިއެވެ. ގޯމާ ސިޓީގައި ހުންނަ ނީރަގޮންގޯ ފަރުބަދަ ގޮވަނ...

23 May 2021 | 05:01

ކޮންގޯގައި އަލިފާން ފަރުބަދައެއް ގޮވަން ފަށާފައިވާތީ އެ ޤައުމުގެ ގޯމާ ސިޓީގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ރަސްމީ އިދާރާތަކުން އަންގައިފިއެވެ.

ގޯމާ ސިޓީގައި ހުންނަ ނީރަގޮންގޯ ފަރުބަދަ ގޮވަން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެެއްގައެވެ.

ހޮނިހިރު ދުވަހުގެ ރޭގަނޑާއި ހަަމައަށް އައި އިރު، މި ފަރުބަދައިގެ އަލިފާންގަނޑު ވަނީ ގޯމާގެ އެއަރޕޯޓާއި ހަމައަށް ފޯރާފައެވެ.ގޯމާގެ އެތައް ހާސް ބަޔަކު ވަނީ ގޮދަޑީއާއި އެހެނިހެން ޒަރޫރީ ސާމާނު ހިފައިގެން ފައި މަގުގައި އެ ސިޓީ ހުރަސް ކުރަން ފަށާފައެވެ. ގިނަ ބައެއްގެ މިސްރާބު ހުރީ ރޫއާންޑާއާއި ދިމާއަށް ކަމަށް ބެލެވެއެވެ.

2002 ވަނަ އަހަރު ނީރަގޮންގޯ ފަރުބަދަ ގޮވި ހާދިސާގައި، 250 މީހަކު މަރުވެ، 120،000 މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. ނީރަގޮންގޯއަކީ ދުނިޔޭގައި ހުރި އެންމެ ގިނައިން ގޮވާ ފަރުބަދަތަކުގެ ތެރެއިން އެއް ފަރުބަދައަށް ވުމުގެ އިތުރުން، މިއީ އެންެމެ ނުރައްކާތެރިކަން ބޮޑު ގޮވާ ފަރުބަދަތަކުގެ ތެރޭގައިވެސް ހިމެނޭ ފަރުބަދައެކެވެ.

ނީރަގޮންގޯގެ އަލިފާންގަނޑު އެންމެ ފުރަތަމަ ފެތުރެން ފަށާފައި ވަނީ އިރުމަތީ ފަރާތުން ރޫއާންޑާއާއި ދިމާއަށް ކަމަށާއި، ނަމަވެސް ފަރުބަދައިގެ އާ ހިސާބުތަކުން އަލިފާން ބޭރުވާން ފެށުމާއިއެކު ލާވާގެ މިސްރާބު، ދެކުނުގައި އޮންނަ ގޯމާއާއި ދިމާއަށް ބަދަލުވީ ކަމަށް ގޮވާ ފަރުބަދަތަކާއި ބެހޭ ޖިއޮލޮޖިސްޓެއް ވަނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.މީގެ އިތުރުން، އޭނާ ވިދާޅުވީ، މިހާރު ފަރުބަދައިގެ ހަރަކާތްތައް ހުރި ގޮތް 2002 ވަނަ އަހަރާއި އެއް ގޮތް ކަމަށާއި، ބެލެވޭ ގޮތުގައި އަލިފާންގަނޑު ދަތުރު ކުރަމުން ދަނީ އެ ސިޓީގެ މެދުތެރެއަށް ކަމަށެވެ.ނަމަވެސް، އަލިފާންގަނޑު ފެތުރުން ހުއްޓުމަކަށް އަންނާނެ އިރެއް ލަފާ ކުރަން ދަތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގޯމާގައި އަލިފާން ފަރުބަދަ ގޮވަން ފަށާފައިވާއިރު، އެ ސަރަަހައްދުގެ މީހުން ބުނަނީ، އުޑުމަތިވެސް މުޅިން ރަތް ކުލައަށް ބަދަލުވެފައިވާ ކަމަށާއި، ފެންނަނީ ބިރުވެރި މަންޒަރެެއް ކަމަށެވެ. އަދި މުޅި ސިޓީގައިވަނީ ބިރުވެރި އައްޔެއް ކަމަށްވެސް އެ މީހުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން ކޮންގޯގެ ކޮމިއުނިކޭޝަން މިނިސްޓަރު، ޕެޓްރިކް މުޔާޔާ ކުރެއްވި ޓްވީޓެއްގައި ވަނީ، ކޮންގޯގެ ވެރިރަށް، ކިންޝާޝާގައި ބޭއްވި ކުއްލި ބައްދަލުވުމަކާއި އެކު، މިހާރު ގޯމާ ސިޓީ ހުސްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އެންމެ އަވަހަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އެ ޤައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންގޯގެ ރައީސް ފީލިކްސް ޝިޒެކެޑީ ޔޫރަަޕަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ކުރުކޮށް ލެއްވުމަށް ފަހު ދާދި އަވަހަށް އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަމަށް، އެ ޤައުމުގެ ރައީސްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ވަނީ ޓްވީޓު ކޮށްފައެވެ.

ގޯމާއަކީ 2 މިލިއަނެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ސިޓީއެކެވެ. ގޯމާގައި ހުންނަ ނީރަގޮންގޯގެ އެންމެ ނުރައްކާތެރި ގޮވުމެއްގެ ގޮތުގައި ރިކޯޑު ކޮށްފައި ވަނީ 1977 ވަނަ އަހަރުގައެވެ. އެ އަހަރު، 3000 މީޓަރުގެ އުސް މިނަށް މި ފަރުބަދަ ގޮވާ، 600 މީހުން މަރުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް