ކޯވިޑް-19 ފެތުރޭތީ އައްޑޫ ސިޓީ ކައުންސިލުން ދެމުންދާ ހުރިހާ ޚިދުމަތްތައް ދިނުންް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފިއެވެ.
އެ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން، ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންގުމުން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި މިވަގުތު އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ވަކިގޮތެއް އަންގަންދެން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ދިނުންް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލްގެ އިދާރާއިން ދެމުންގެންދާ ޚިދުމަތްތައް ދިނުން މެދުކަނޑާލި ނަމަވެސް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ސޯޝަލް ސަޕޯޓް ޑެސްކްތަކުން ދެމުންގެންދާ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް އެ ކައުންސިލުން ބުނެރައި ވެއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ އައްޑޫ ސިޓީން އިތުރު ނުވަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާއި ހަމައަށް ހިތަދޫން ހަ ކޭސް، ހުޅުދޫން ދެ ކޭސް އަދި ގަމުން އެއް ކޭސް ފެނިފައިވާ ކަމަށެވެ.
އެއާއެކު ހިތަދޫގައި ކޯވިޑް-19ގެ 92 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި 12 ކޭސް، ހުޅުދޫގައި 41 ކޭސް އަދި މީދޫގައި ނުވަ ކޭސް، މަރަދޫގައި ހަ ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. މިވަގުތު ޖުމްލަ އައްޑޫގައި ކޯވިޑް-19ގެ 163 އެކްޓިވް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން 38 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ހަ މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ނިންމާފައެވެ. އެގޮތުން ހަވީރު ހަތަރަކުން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން މަނާކޮށްފައެވެ. މީގެކުރިން ކާފިއު ހިންގަމުން އައީ ހަވީރު 6 އިން ފެށިގެން ފަތިހު ހަތަރަކާއި ހަމައަށެވެ.
އަދި އައްޑޫގައި އެއް އަވަށުން އަނެއް އަވަށަށް އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.
މީގެއިތުރުން ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސް ކާފިއު ވަގުތުގައި އެ ދެ ހިދުމަތް ވެސް ނުދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް