މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ޕޯސްޓްގެ ޒަރީއާ އިން ރާއްޖެއަށް ޕާޓީ ޑްރަގްސް އެތެރެ ކުރަން އުޅުނު ވަރު އިތުރުވެފައިވާ ކަމަށް ކަސްޓަމުން ބުނެފި އެވެ.
ކަސްޓަމުން ބުނީ މާޗު އަދި އޭޕްރިލް މަހު ހިންގި އޮޕަރޭޝަންތަކުގައި ޕޯސްޓު މެދުވެރިކޮށް ފޮނުވާ ޕާރުސަލްތަކުގައި ފޮރުވައިގެން ރާއްޖެ އަށް އެތެރެ ކުރަން އުޅެނިކޮށް 24 ފަހަރެއްގެ މަތިން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން އަތުލައިގަނެވުނު ހުރިހާ މަސްތުވާތަކެތީގައި 1.74 ކިލޯ ހުރި ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެކްސްޓަސީ، ހެރޮއިން، އެމްފެޓަމައިން، މެތަންފަޓަމައިން، މެފެޑްރޯން އަދި މެތުމެތިނޯން ފަދަ ބާވަތްތައް ކަމަށް ކަސްޓަމުން ބުންޏެވެ. ޕާރުސަލްތައް އައިސްފައިވަނީ އިނގިރޭސި ވިލާތް، ގްރީސް، ޖަރުމަނު، ބެލްޖިއަމް އަދި ނެދަލެންޑްސް އިންނެވެ.
ޕޯސްޓް ޒަރީއާ އިން އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އެ މައްސަލަތައް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމުން ބުންޏެވެ.
މިހާރަކަށް އައިސް ޒުވާނުން ބާއްވާ ޕާޓީތަކުގައި ޕާޓީ ޑްރަގްސް އާންމުވެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ފަހުކޮޅު ހުޅުމާލޭގައި ދެ ޖިންސުގެ ޒުވާނުންތަކެއް އެކުގައި ބޭއްވި ޕާޓީއެއްގެ ތެރޭގައި ޕާޓީ ޑްރަގްސް ބޭނުންކޮށްގެން ޒުވާން އަންހެނަކާއި ފިރިހެނަކު ވަނީ އޯވާ ޑޯޒްވެގެން މަރުވައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް