ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދިނުމަށް ފާސްކޮށްފި

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ހަމަޖައްސައި ޕްރައިމަރީ އަކާ ނުލައި ރިޔާސީ ޓިކެޓު ދިނުމަށް އެޕާޓިގެ ކައުންސިލުން ފާސްކޮށްފި އެވ...

22 May 2018 | 19:22

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ހަމަޖައްސައި ޕްރައިމަރީ އަކާ ނުލައި ރިޔާސީ ޓިކެޓު ދިނުމަށް އެޕާޓިގެ ކައުންސިލުން ފާސްކޮށްފި އެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދިނުމަށް ފާސްކުރީ މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދުރޭ ވިދާޅުވީ އެގޮތަށް ނިންމީ އަސާސީ ގަވާއިދުގެ 91 ވަނަ މާއްދާގައި ޕާޓީ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް ހޮވިފައިވާ ފަރާތަކުން ދެވަނަ ދައުރަކަށް ކުރިމަތިލާން ބޭނުން ވާނަމަ ޕާޓީ އިން އެ ފުރުސަތު ދޭން ޖެހޭކަމަށް ބުނެފައި ވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ގައުމުގެ އިޖުތިމާއީ ފޭރާން ރަނަގަޅު ކުރައްވައި، ސުލްހަ ގާއިމް ކުރައްވައި އަދި އިގުތިސޯދީ ފުދުންތެރިކަމާއި އުމްރާނީ ތަރައްގީ ހަލުއި ކޮށްދެއްވަމުން ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ހުރިހާ ކައުންސިލް މެންބަރުންވެސް ގަބޫލު ކުރައްވަނީ އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތްތައް ނިންމެވުމަށް އިތުރު ފުރުސަތު ދޭން ޖެހޭނެ ކަމަށް ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މި ގައުމަށް އިތުރު ދީނެއް އައުމުގެ ފުރުސަތު ނުދެއްވާނެކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވުމާއި އެކަން އަމަލުން ސާބިތުކޮށްދެއްވާ ކަމީވެސް އެމަނިކުފާނަށް ޓިކެޓު ދޭން ނިންމި ސަބަބު ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓު ރައީސް ޔާމީނަށް ދޭން ނިންމުމުގެ ކުރިން އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން ފައްޓަވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް