ކުރިޔަށް އޮތް ރަމަޟާން މަހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހެން ބޭންކްތަކަށް ވުރެ އިތުރު ވަގުތު ޚިދުމަތް ދޭން ނިންމާ، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭނެ ވަގުތުތައް ބީއެމްއެލް އިން މިއަދު އިއުލާން ކޮށްފިއެވެ.
އެގޮތުން ރަމަޟާން މަހު މާލޭގައި ހުރި ބީއެމްއެލްގެ ހުރިހާ ބްރާންޗެއް ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެނިހެން ބްރާންޗްތައް ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްއިން 28 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު ގާއިމްކޮށްފައިވާއިރު، އެ ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ޑިޕޮސިޓް ކުރުމާއި، ފައިސާނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތްވެސް ރަމަޟާން މަހު ލިބޭނެއެވެ.
މާލޭގައި ބޭންކިންގ ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑު އިރު ވީހާވެސް ގިނަ ބަޔަކަށް ރަމްޟާން މަހު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ބީއެމްއެލް އިން ނިންމާފައި ވަނީ ރަމަޟާން މަހު ލޭގެ ހުރިހާ ބްރާންޗަކުންވެސް ހަތަރު ގަޑިއިރު ޚިދުމަތްތައް ފޯރުކޮށްދޭން ކަމަށް ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިންގ މޫސާ ނިމާލް ވިދާޅުވިއެވެ. އަދި ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ކުރިއަށް އޮތް ރަމަޟާން މަހު ފޯރުކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް