ސްރީލަންކާގައި އާސަންދަ ކުންފުނީގެ އޮފީހެއް ހުޅުވައިފި އެވެ.
ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަން، ސޯސަންވިލާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައި ދެއްވީ ޔޫތް މިނިސްޓަރު އަހްމަދު ޒުހޫރު އެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރާއި، އާސަންދަ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއް ސަމަދާއި، އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ބައިވެރިވެވަޑައިގެންނެވި އެވެ.
މި އޮފީސް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރު ޒުހޫރު ވިދާޅުވީ ދިވެހިންގެ އެންމެ ގިނަ ބަޔަކު ބޭސް ފަރުވާއަށް ދަނީ ލަންކާއަށް ކަމުން މިއޮފީސް ހުޅުވުމުން އާސަންދަ ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށެވެ.
އާސަންދަ އޮފީހުން ބުނީ ލަންކާގައި ހުޅުވި އޮފީހުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބޮޑެތި ބަލިތަކަށާއި، އެކްސިޑެންޓް ފަދަ އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކުގައި ދަތިކަމެއް ނެތި ހިދުމަތް ލިބޭނެ ކަމަށެވެ.
މިއީ އާސަންދަ އޮފީހެއް ރާއްޖެއިން ބޭރުގައި ހުޅުވި ފުރަތަމަ ފަހަރެވެ. އާސަންދައިގެ އޮފީހެއް އިންޑިޔާގެ ޓްރިވެންޑަމްގައި ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް