ނިމިދިޔަ މަޖިލިސް އިންތިޙާބުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ނަޒްރާ ނަސީމަށް ނުލިބުނީ އޭނާގެ ބޭބެ އަދި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްގެ ސަބަބުން ކަމުގައި ތުހުމަތުކޮށްފިއެވެ.
މި ތުހުމަތު ފައިސަލަށް ކޮށްފައިވަނީ ނަޒޫގެ ފިރިމީހާ އަދި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.
އެގޮތުން މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މަހްލޫފް ވަނީ އެމްޑީޕީގެ ޤައުމީ މަޖިލިސް ގްރޫޕްތަކަށް މެސެޖުތަކެއް ފޮނުއްވައިފައެވެ. އެ މެސެޖުތަކުގައިވާގޮތުން ފައިސަލް ވަނީ ނަޒޫއަށް ވޯޓު ނުލިބޭނޭ ހުރިހާ ގޮތެއް ހެދުމަށް އެކި ގޮތްގޮތުން އެންޓި ކެމްޕޭނު ކޮށްފައެވެ. އަދި އެކަން އެ ދާއިރާގެ ފަރާތުން ޕާޓީއަށް ހުށަހަޅާނެ ކަމަށާއި ތިބީ ދޫދޭގޮތަށް ނޫންކަންވެސް މަހްލޫފް ފާހަގަކުރައްވާފައިވެއެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވާއިރު ނަޒޫގެ ކެމްޕޭނު ހަރަކާތެއްގައިވެސް ފައިސަލް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ފައިސަލް ނަޒޫއަށް އެންޓި ކެމްޕޭނު ކުރައްވަމުން ގެންދެވިކަމުގެ ތުހުމަތު އޭރުވެސް ކޮންމެވެސް ވަރަކަށް ކުރަމުން ގެންދިޔައެވެ.
އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިން އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން އިބްރާހިމް ހުސެއިން 1142 ވޯޓު ލިބިލެއްވިއިރު ނަޒޫއަށް ލިބިލެއްވީ 1094 ވޯޓެވެ. އެއީ 48 ވޯޓުގެ ތަފާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް