ދާހިލީ ހަނގުރާމައެއް ހިނގަމުން އަންނަ ސޫދާނުގައި އެއްވެސް ދިވެއްސަކު ހުރި ނަމަ އެކަން އެންގުމަށް ފޮރިން މިނިސްޓްރީން އެދިލައްވައިފިއެވެ.
ދުވަހުން ކުރި ސުވާލަކަށް ޖަވާބުދެމުން އެ މިނިސްޓްރީން މިއަދު ބުނީ ސޫދާނުގެ ޙާލަތު މިނިސްޓްރީން މިގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށާއި ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު އެއްވެސް ދިވެއްސަކަށް ކޮށްފައިވާ ކަމުގެ މަޢުލޫމާތު މިހާތަނަށް މިނިސްޓްރީއަށް ލިބިފައިނުވާކަމަށެވެ.
"މިހާތަނަށް އެއްވެސް ދިވެއްސަކު ސޫދާނުގައި ދިރިއުޅޭކަމަށް ވެސް މިމިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައެއް ނުވޭ، ރާއްޖޭގެ އެއްވެސް ޑިޕްލޮމެޓެއް އެޤައުމުގައި ނެތް" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ ސޫދާނުގައި އެއްވެސް ދިވެއްސަކު ހުރިނަމަ އަދި ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު އެއްވެސް ދިވެއްސަކަށް ކޮށްފައިވާނަމަ ވީއެންމެ އަވަސް ފުރުޞަތެއްގައި މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު: 7983400 960+ އަށް ގުޅުއްވައި އެކަން އަންގަވައިދެއްވުން އެދޭ ކަމަށެވެ.
ސޫދާނުގެ ދާހިލީ ހަނގުރާމައަށް ހަފްތާއެއް ފުރި ދެވަނަ ހަފްތާ ގުނަން ފަށާފައިވާއިރު މިހާރު ކުރިއަށްދާ ދާހިލީ ހަނގުރާމައަކީ ވަކި ބާރެއްގެ ގޮތުގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގޫލް (ހަމިއްތީ) އާއި ސިޔާދަތީ މަޖިލިސް އަދި ސިފައިންގެ އިސް ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްޙާން އާއި ދެމެދު ގައުމުގެ ވެރިކަމަށް ދެފަރާތުން އެދި ހިނގަމުންގެންދާ ދާހިލީ ހަނގުރާމައެކެވެ.
2019-2021ގައި ހަމިއްތީ އާއި އަބްދުލްފައްތާހާއި ދެ މީހުން ގުޅިގެން ގެނައި އަސްކަރީ ބަގާވާތަށްފަހު ވެރިކަން ކުރަމުންގޮސްފައިވަނީ ދެމީހުން އެކުގައި ކަހަލަގޮތަކަށް ބައެއް ބާރުތައް ބަހާލައިގެންނެވެ. އެހެން ނަމަވެސް މަސްރަހު ހޫނުވެގެންދިޔައީ އާރްއެސްއެފް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންނަނަ އެކުލާވަލަން ދެ ފަރާތުންވެސް އެއްބަސްވާ ރޯޑްމެޕުގެ މުއްދަތު އަވަސްވުމާއި ލަސްވުމާއިއެވެ.
ހަމިއްތީ ބޭނުންވަނީ އެ ބަދަލު ދިހަ އަހަރުގެތެރޭގައި ގެނައުމަށެވެ. އެހެންނަމަވެސް އަބްދުލްފައްތާހް ބޭނުންވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ބަދަލު ގެނައުމަށެވެ.
ވެރިކަމާހެދި ކުރިއަށްދާ މި ދާހިލީ ހަނގުރާމަ ދެވަނަ ހަފްތާ ފެށިފައިވާއިރު މިހާތަނަށް 413 މީހަކު މަރުވެ 3551 މީހަކު ޒަހަމްވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް