ރާއްޖެއަށް މިހާ ހޫނު ގަދަ މި ވަނީ ކީއްވެ !؟ އިހުސާސް ކުރެވޭ ފިނިހޫނުމިނަކީ ކޮބާ!؟

ރާއްޖޭގެ ތާރީހުގައި ރެކޯޑު ކުރެވިފައިވާ އެންމެ ގަދަ ހޫނުމިނެއް ރެކޯޑު ކުރެވިފައިވަނީ ލ. ކައްދޫއިންނެވެ. އެއީ 12 ސެޕްޓެމްބަރ 1991 ވަނަ ދުވަހުގައެވެ. އެ ދުވަހު ކައްދޫގެ ފިނިހޫނުމިން 36.8 ޑިގްރީ ސެލްސިއަ...

23 Apr 2023 | 12:05

ރާއްޖޭގެ ތާރީހުގައި ރެކޯޑު ކުރެވިފައިވާ އެންމެ ގަދަ ހޫނުމިނެއް ރެކޯޑު ކުރެވިފައިވަނީ ލ. ކައްދޫއިންނެވެ. އެއީ 12 ސެޕްޓެމްބަރ 1991 ވަނަ ދުވަހުގައެވެ. އެ ދުވަހު ކައްދޫގެ ފިނިހޫނުމިން 36.8 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

އިއްޔެއާއި މިއަދު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އިއްޔެވެސް އަދި މިއަދުވެސް އަދި މި ދުވަސްވަރު ރާއްޖޭގައި އިންތިހާއަށް ހޫނު ގަދަވާކަމުގެ ވާހަކައެވެ. އަދި ވަކިން ހާއްސަކޮށް އިހުސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތި ވާ ވާހަކައެވެ

މިދުވަސްވަރު ރާއްޖެއަށް ހޫނުގަދަވާ ސަބަބުތައް:

  • އިރުވައި މޫސުމުގައި ނިސްބަތުން ވިލާއުފެދޭލެއް މަދުވުން
  • ދެ މޫސުން ބެދޭ ދުވަސްކޮޅުކަމުން ވައިގެ ބާރުމިން ދަށްވުން
  • އިރުގެ ރޭޑިއޭޝަން ސީދާކޮށް ރާއްޖޭގެ މައްޗަށް ހުރުން
  • ރާއްޖޭގެ ބޮޑުބަޔަކީ ކަނޑުގެ ސަރަހައްދަށް ވުމުން މި ސަރަހައްދުގައި ހޫނުހިފެހެއްޓުން
  • އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހުރުން

ބިންބޮޑު އަވަށްޓެރި ގައުމުތަކަށް އަންނަ ކަހަލަ "ހީޓު ވޭވު" ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަވާ ސަބަބަކީ ރާއްޖެވަށައިގެން ކަނޑު އޮވެފައި، ދެ މޫސުމުގައި ވެސް ރާއްޖޭގެ ވައިގެ އެވަރެޖް ނިސްބަތުގައި އެހާބޮޑު ފަރަގެއް ނުހުންނާތީވެއެވެ. ބިންބޮޑެތި ގައުމުތަކުގައި މި ފަރަގު ވަރަށް ބޮޑަށް ފެނިގެންދާނެއެވެ.

މެޓުން ލަފާކުރަނީ މާދަމާ އަދި އަނެއް ދުވަހުވެސް ހޫނުމިން މަތީގައި ހިފެހެއްޓިފައި ހުންނާނެ ކަމަށާއި އެހެން ނަމަވެސް ބުރާސްފަތި ހުކުރު ހިސާބުގައި ވިއްސާރަވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.

މީގެ އިތުރުން އިހުސާސްކުރެވޭ ހޫނުމިން އެހާ މައްޗަށް ދާ ސަބަބަކީ ވައިގެ މޮލެކިއުލްސް ތަކުގެ ހޫނުމިން އިތުރުވުމާއި އިހްސާސް ކުރެވޭ ހޫނުމިން މިން ކުރަނީ އެތައް ބައިވަރު ފެކްޓާސްތަކަކަށް ބެލުމަށްފަހުގައި ކަމަށް ވާތީ ކަމަށެވެ.

އިއްޔެ އަދި މިއަދަކީވެސް ވަރަށް ހޫނުގަދަ ދެ ދުވަސްކަމުގައި ވެފައިވާއިރު މިއަދު މެންދުރު މެޓުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ހޫނު އެންމެ ގަދަވެފައިވަނީ ލ. ކައްދުއަށެވެ. މެންދުރު 02:00 ގެ ރެކޯޑިންގް އަށް ބަލާއިރު ކައްދޫގެ ފިނި ހޫނުމިން ހުރީ 33 ޑިގްރީ ސެލްސިއަސްގައެވެ. އިހްސާސް ކުރެވޭ ހޫނުމިން ހުރީ 44.3 ޑިގްރީ ސެލްސިއަސް ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް