ކޮތަޅު ބިލަށް މާދަމާ ރާޝިދު އިސްލާހު ހުށަހަޅުއްވާނެ

ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ކޮތަޅުގެ އަގުތަކަށް އައި ބަދަލުން އުފެދުނު ނުތަނަވަސްކަމަށް ހައްލު ހޯދުމަށް ސަރުކާރުން ހުށަހަޅާ ބިލު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މި ބިލު ސަ...

23 Apr 2023 | 10:23

ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ކޮތަޅުގެ އަގުތަކަށް އައި ބަދަލުން އުފެދުނު ނުތަނަވަސްކަމަށް ހައްލު ހޯދުމަށް ސަރުކާރުން ހުށަހަޅާ ބިލު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅާނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ.

ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ތަސްދީގު ކުރެވިގެންދިޔަ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން މި ހިނގާ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގައެވެ.

ބިލަށް އަމަލުކުރަން ފެށުމާއެކު ފާހަގަކުރެވުނު އެންމެ ބޮޑު މައްސަލައަކީ ކޮތަޅު ބޮނޑި ވިއްކާއިރު ކޮންމެ ކޮތަޅެއްގެ އަގަށް ދެ ރުފިޔާ އިތުރުވެ އެތައް ސަތޭކަ ގުނައެއް ކޮތަޅު ބޮނޑީގެ އަގު ބޮޑުވެގެން ދިއުމެވެ.

ސަރުކާރުން ބުނާގޮތުގައި ސަރުކާރުން ކުރިން ބިލު މަޖިލީހަށް ފޮނުވީވެސް 50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑިން ފީ ނުނެގުމަށް ނިންމާ ގޮތަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ތަޅުމުން ބިލު ފާސްވެގެން ދިޔައިރު އެ މާއްދާ އުނިކޮށްފައިވެއެވެ.

މި އިސްލާހު މާދަމާ މަޖިލީހަށް ހުށަހަޅާއިރު މި ހަފްތާގައި މަޖިލިސް ޗުއްޓީއަށް ދާނެއެވެ. ޗުއްޓީއަށް ދިއުމުގެ ކުރިން މި ބިލަށް އިސްލާހު ގެންނާނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް