ޝަރުއީ ދާއިރާގައި 21 އަހަރު ހިދުމަތް ކުރައްވާފައިވާ ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފިއެވެ.
ޖޭއެސްސީ މިއަދު ވަނީ ގާޒީ ހަސަން ސައީދުގެ ރިޓަޔާމަންޓް ގަބޫލުކުރައްވައި ޝަރުއީ ދާއިރާއަށް އޭނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފަ އެވެ.
ސުލޫކީ ގިނަ މައްސަލަތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހަސަން ސައީދު މިއަދު ރިޓަޔާ ކުރައްވާފައި ވަނީ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީ އިން އެންމެ ފަހުން ނިންމި ސުލޫކީ މައްސަލައިގައި ހަސަން ސައީދު ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މި މަހުގެ 20 ވަނަ ދުވަހު ނިންމާފައި ވަނިކޮށެވެ.
ޖޭއެސްސީ އިން އެންމެ ފަހުން ހަސަން ސައީދު ސަސްޕެންޑް ކޮށްފައިވަނީ ފެމިލީ ކޯޓުގެ އިސް ގާޒީ އަކަށް އޭނާ ހުންނެވި ދުވަސްވަރު، 2018 ވަނަ އަހަރުގެ ތެރޭގައި ފެމިލީ ކޯޓުގެ މުވައްޒަފުންތަކެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލަ ސާބިތުވެގެންނެވެ. އަދި ހަސަން ސައީދު ފެމިލީ ކޯޓުގައި ހުންނަވައިގެން އެ ކޯޓުގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ވެސް ޖޭއެސްސީން ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ދެ އަހަރާއި ފަސް މަސް ދުވަހަށް ވެސް ސަސްޕެންޑް ކޮށްފަ އެވެ.
މީގެ އިތުރުން ހަސަން ސައީދު ފެމިލީ ކޯޓުން ކްރިމިނަލް ކޯޓަށް ބަދަލުކުރީ ވެސް ޖޭއެސްސީން އޭނާގެ މައްސަލައެއް ކުރިން ބެލުމަށްފަހު ނަސޭހަތް ދީފަ އެވެ. ރިޓަޔާކުރެއްވިއިރު ހަސަން ސައީދު އެންމެ ފަހުން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގަ އެވެ.
ސުލޫކީ މައްސަލައެއް ސާބިތު ނުވެ ފަނޑިޔާރަކު ރިޓަޔާ ކުރެއްވުމުން އޭރު އެ ބޭފުޅަކަށް ލިބިވަޑައިގެންނެވި މުސާރަ އާއި ހިދުމަތަށް ބަލައި ކޮންމެ މަހަކު ވެސް އިނާޔަތެއް ދައުލަތުން ހަމަޖައްސައިދެ އެވެ. އަދި އެބޭފުޅެއްގެ 18 އަހަރު ނުވާ ކުދިން ތިބި ނަމަ އެ ކުދިންނަށާއި އަނބިމީހާ ނުވަތަ ފިރިމީހާ އަށް ހެލްތު އިންޝުއަރެންސް ދައުލަތުން ހަމަޖައްސައިދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް