ސޫދާނުގައި މި މަހުގެ 15 ވަނަ ދުވަހު ފެށުނު ދާހިލީ ހަނގުރާމައާއި ގުޅިގެން އެ ގައުމުގައި ތާށިވެފައި ތިބި އެހެން ގައުމުތަކަށް ނިސްބަތްވާ ޑިޕްލޮމެޓުންނާއި އާންމުން ސަލާމަތުން އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަ ދެއެވެ.
އެގޮތުން ސަޢޫދީ އަރަބިއްޔާއިން ވަނީ އެ ގައުމަށް ނިސްބަތްވާ 157 މީހަކު އަސްކަރީ މަނަވަރެއްގައި ސޫދާނުން ބޭރުކޮށްފައެވެ. އުރުދުން އިން ބުނެފައިވާގޮތުގައި އެ ގައުމަށް ނިސްބަތްވާ 300 ރައްޔިތަކު ސަލާމަތުން ސޫދާނުން ބޭރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ހަމަލާތައް ހުއްޓާލަން ދެ ފަރާތުން ދެ ފަހަރެއްގެ މަތިން އެއްބަސްވިނަމަވެސް އެއްވެސް ފަހަރަކު އެ އެއްބަސްވުމަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި ހަމަލާތައް ކުރިއަށްދަނީ ސޫދާނުގެ ވެރިރަށް ޚަރްތޫމްގައި ކަމަށްވެފައި އެއާޕޯޓް ހިމެނޭ ސަރަހައްދަކީ ހަމަލާ އެންމެ ބޮޑަށް ބަދަލުކުރެވޭ ސަރަހައްދަށްވުމުން އާންމުން އެ ގައުމުން ބޭރު ކުރުމުގައި ދަތިތަކާ އަންނަނީ ކުރިމަތިވަމުންނެވެ.
އެހެންމަވެސް އެމެރިކާ، އިނގިރޭސިވިލާތް އަދި ޗައިނާގެ އިތުރުން ފްރާންސްގެ އާންމުންނާއި ޑިޕްލޮމެޓުން ސަލާމަތުން އެ ގައުމުން ބޭރުވުމުގެ ފުރުސަތު ދޭން ސޫދާންގެ އަސްކަރިއްޔާއިން އިއްޔެ ވަނީ އެއްބަސްވެފައެވެ.
ސޫދާނުގައި މިހާރު ކުރިއަށްދާ ދާހިލީ ހަނގުރާމައަކީ ވަކި ބާރެއްގެ ގޮތުގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގޫލް (ހަމިއްތީ) އާއި ސިޔާދަތީ މަޖިލިސް އަދި ސިފައިންގެ އިސް ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްޙާން އާއި ދެމެދު ގައުމުގެ ވެރިކަމަށް ދެފަރާތުން އެދި ހިނގަމުންގެންދާ ދާހިލީ ހަނގުރާމައެކެވެ.
2019-2021ގައި ހަމިއްތީ އާއި އަބްދުލްފައްތާހާއި ދެ މީހުން ގުޅިގެން ގެނައި އަސްކަރީ ބަގާވާތަށްފަހު ވެރިކަން ކުރަމުންގޮސްފައިވަނީ ދެމީހުން އެކުގައި ކަހަލަގޮތަކަށް ބައެއް ބާރުތައް ބަހާލައިގެންނެވެ. އެހެން ނަމަވެސް މަސްރަހު ހޫނުވެގެންދިޔައީ އާރްއެސްއެފް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންނަނަ އެކުލާވަލަން ދެ ފަރާތުންވެސް އެއްބަސްވާ ރޯޑްމެޕުގެ މުއްދަތު އަވަސްވުމާއި ލަސްވުމާއިއެވެ.
ހަމިއްތީ ބޭނުންވަނީ އެ ބަދަލު ދިހަ އަހަރުގެތެރޭގައި ގެނައުމަށެވެ. އެހެންނަމަވެސް އަބްދުލްފައްތާހް ބޭނުންވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ބަދަލު ގެނައުމަށެވެ.
ވެރިކަމާހެދި ކުރިއަށްދާ މި ދާހިލީ ހަނގުރާމަ ދެވަނަ ހަފްތާ ފެށިފައިވާއިރު މިހާތަނަށް 413 މީހަކު މަރުވެ 3551 މީހަކު ޒަހަމްވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް