އައްޑޫ ސިޓީ ހިތަދޫ ކުނިކޮށީގެ ދެކުނުން އޮންނަ ސަރަހައްދުގައި ޕިކްނިކް ޒޯނު ހަދަން ގޮނޑުދޮށް ކޮނުނުގޮތާއި އެ ސަރަހައްދަށް ގެންނަމުންދާ ބަދަލާއި ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހިތްހަމަ ނުޖެހިއްޖެ އެވެ.
އެ ސަރަހައްދުގައި އައްޑޫ ސިޓީ ކައުންސިލުން ހަދަމުން ދަނީ ރުއްޖެހަރަ ކިޔާ ޕިކްނިކް ޒޯނެކެވެ. އެތަން ހެދުމަށް އެއްގަމާއި މޫދު ކޮނެ، ހޭޅި ފަށުން ގަސްނަގައި، އަދި އާނުގަނޑު ނަގާފައިވެ އެވެ.
މި މައްސަލައިގަ އީޕީއޭއިން ވަނީ އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލް ސިޓީ ކައުންސިލުން އެ އިދާރާއަށް ފޮނުވުމަށް އަންގާފަ އެވެ. އީޕީއޭއިން ބުނީ މަސައްކަތުގެ ތަފްސީލާއި ބޭނުން، މަސައްކަތްކޮށްފައިވާ ތާރީހު އަދި އެ މަސައްކަތުގައި އިސްކޮށް އުޅުނު ފަރާތްތަކުގެ މައުލޫމާތު ފޮނުވަން އަންގާފައިވަނީ އަންނަ ބުދަ ދުުވަހުގެ މެންދުރު12:00 ގެ ކުރިންނެވެ.
އީޕީއޭއިން ބުނީ އެ ތަނުގެ ޓީމެއް އެ ސަރަހައްދަށް ގޮސް ދީފައިވާ ގެއްލުންތައް ބަލާފައިވާ ކަމަށެވެ.
މި މައްސަލައިގަ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މީޑިއާގައި ވިދާޅުވީ އީޕީއޭގެ ހުއްދަ ނުނެގީ އެ ސަރަހައްދުގައި ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކަކީ އެފަދަ ހުއްދައެއް ބޭނުންވާވަރުގެ މަސައްކަތެއް ކަމަށް ފާހަގަ ނުކުރެވޭތީ ކަމަށެވެ.
އެތަން ތަރައްގީ ކުރަނީ ސިޓީ ކައުންސިލާއި އައްޑޫ ފްރެންޑްސް އަދި ބީޓެކް ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް