ފުވައްމުލައް ސިޓީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢު ތަކާއި ގުޅޭގޮތުން ސިޓީ ކަ...

23 Apr 2022 | 10:58

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެ ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢު ތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު މެންދުރު ފުވައްމުލައް ސިޓީގެ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފުވައްމުލައް ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާއިރު ރައްޔިތުންނަށް އެންމެ ފައިދާކުރަނިވިގޮތަށް، މިހާރަށް އެންމެ ބޭނުންހިފޭނެ ސަރަޙައްދުތަކަށް އިސްކަންދިނުމާއި މެދު މަޝްވަރާ ކުރެވުނެވެ.

އަދި ފުވައްމުލައް ސިޓީގައި އިތުރު ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އިތުރުން ސްކޫލާއި ފުވައްމުލައް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުމާމެދު މަޝަވަރާކުރެވުނެވެ.

މީގެ އިތުރުން މަޑުޖެހިފައިހުރި ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް އަވަސް ފުރުޞަތެއްގައި އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެވުނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ވަނީ ރޭ ފުވައްމުލައް އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު އިޙްޔާ ޖަލްސާގެ ކަންކަން އިންތިޒާމުކުރުމުގައި ކައުންސިލްގެ ފަރާތުން ދެއްވި އެއްބާރުލުމަށްޓަކައި އެ ކައުންސިލަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފުވައްމުލައް ސިޓީގެ ޒުވާނުންނަށް އިތުރުކުރެވިގެންދާ ވަޒީފާގެ ފުރުޞަތުތަކަށް ކުދިން ހޮވުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުމަށާއި އެފަދަ ފުރުޞަތުތައް ދިނުމުގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށާއި އާންމު މިންގަޑަށްވުރެ ދިރިއުޅުމުގެ ޙާލަތު ދަށް އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް އިސްކަންދެވެން އޮތްނަމަ އެކަން ކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް