މިއަހަރު ހައްޖަށް ދިޔުމަށް ރާއްޖެއަށް ލިބެނީ 453 ކޯޓާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް ސައުދީ އަރަބިއްޔާގެ ސަރުކާރުން ރަސްމީ ސިފައެއްގައި އެކަން އަންގާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ނަމަވެސް މަސްޖިދުލް ހަރަމްގެ ޓްވިޓާ އެ ކައުންޓުން ވަނީ މި އަހަރު އެކި ގައުމުތަކުން ހައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ ކޯޓާގެ ލިސްޓެއް އާންމުކޮށްފައެވެ. އެގޮތުން މި އަހަރުގެ ހައްޖުގައި ބައިވެރިކުރާނެ މީހުންގެ އަދަދަކީ އެއް މިލިއަން ކަމަށް ބުނެފައި ވެއެވެ.
އަދި އޭގައިވާ ގޮތުން ރާއްޖެ އަށް ލިބެނީ 453 ކޯޓާއެވެ.
މިގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ އަދަދު ރަސްމީ ސިފައެއްގައި ސައުދީ ސަރުކާރުން ރާއްޖެއަށް އަދި އަންގާފައި ނުވާ ކަމަށެވެ. އަދި ސައުދީން އެކަން ހާމަ ކުރިހާ އަވަހަކަށް މީޑީއާތަކަށް މައުލޫމާތު ދޭނެ ކަމަށް ވެސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މަސްޖިދުލް ހަރަމްގެ ޓްވިޓާ އެކައުންޓުން އާންމުކުރި ލިސްޓުގައިވާ ގޮތުން މި އަހަރު އެންމެ ގިނައިން ހައްޖު ކޯޓާ ދޭ ޤައުމު ކަމުގައިވާ އިންޑޮނޭޝިޔާއަށް 10،0051 ކޯޓާ ދޭއިރު، ދެވަނަ އަށް މި އަހަރު އެންމެ ގިނަ ހައްޖު ކޯޓާދޭ ޕާކިސްތާނަށް ދެނީ 81،132 ކޯޓާއެވެ.
މީގެ އިތުރުން މިއަހަރު ތިންވަނައަށް އެންމެ ގިނަ ހައްޖު ކޯޓާދޭ ޤައުމު ކަމުގައިވާ އިންޑިއާއަށް ދެނީ 79،237 ކޯޓާއެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ ހަތެއްވާ ބުރާސްފަތި ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް