ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރަސޫލާ ތުރުކުރެއްވި ހެދުންކޮޅު ދައްކާލުން ކުރިޔަށް ދަނީ!

ތުރުކީގައި ކުރިޔަށްދާ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރާ މައުރަޒު ފެށިގެން ކުރިޔަށް އެބަދެ އެވެ. މި މައުރަޒަކީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ...

23 Apr 2022 | 07:40

ތުރުކީގައި ކުރިޔަށްދާ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރާ މައުރަޒު ފެށިގެން ކުރިޔަށް އެބަދެ އެވެ.

މި މައުރަޒަކީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ތުރުކުރެއްވި ހެދުން ކޮޅެއް ދައްކާލުމަށް ކޮންމެ އަހަރެއްގެ ރޯދަ މަހު ކުރިޔަށް ގެންދާ މައުރަޒެކެވެ. މި މައުރަޒު ކުރިޔަށް ދަނީ ތުރިކީގެ ވެރިރަށް އިސްތަންބޫލުގެ ޑިސްޓްރިކްޓެއް ކަމަށްވާ ފާތިހްގެ މިސްކިތެއްގައި އެވެ.

މި ހެދުންކޮޅު ރައްކާތެރިކަމާއި އެކު ގެންގެޅެމުން ދަނީ ތުރުކީގެ އާއިލާއެކެވެ. އެމީހުން ކޮންމެ އަހަރަކު ރޯދަ މަސް ނިމެންދެން މި މައުރަޒު ކުރިޔަށް ގެންދާއިރު ހޫނާއި ފިނިކަމަށް ބެލުމެއް ނެތި އެ މިސްކިތް ކައިރީގައި ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ރަސޫލާގެ ހެދުން ކޮޅު އަމިއްލަ ލޮލުން ދެކިލުމަށް ކިޔޫ ހަދައިގެން ތިބެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ތުރުކީ ސަރުކާރުން އެ މިސްކިތް ކައިރިއަށް ހާއްސަކޮށް ރޯދަ މަހު ބަސް ދަތުރުތައްވެސް ބާއްވަ އެވެ. އެއާއިލާއިން ބުނީ ކޮންމެ އަހަރަކު މިލިއަނަކަށްވުރެ ގިނަ މީހުން އެއް މަސް ދުވަހަށް ކުރިޔަށް ގެންދާ އެ މައުރަޒަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތް ކުރާ ކަމަށެވެ.

ތުރުކީ ސަރުކާރުން ވަނީ މި މިސްކިތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރަސޫލާގެ ހެދުންކޮޅު ބަލާލުމުގެ ފުރުސަތު ފަސޭހަ ކޮށްދިނުމުގެ ގޮތުން ފުރޮޅުލީ ގޮޑީގައި މިސްކިތަށް ވަދެވޭނެ ގޮތް ހަމަޖައްސައި ދީ، ލިފްޓެއްވެސް ހަރުކޮށްފަ އެވެ.

އެ ހެދުންކޮޅަކީ ކީރިތި ރަސޫލާ، އުވައިސް އަލްޤަރްނީ ކިޔާ ބޭކަލަކަށް ހަދިޔާކުރެއްވި ހެދުުންކޮޅެކެވެ. އުވައިސްއަކީ އެކަލޭގެފާނުގެ މަތިވެރި ސަހާބީއަކަށް ވެވަޑައިގަތުމުގެ ހެޔޮ ނަސީބު ލިބިވަޑައިނުގަތަސް އެބޭކަލުންނަށްފަހު ދެން އައި އެންމެ ހެޔޮ ޖީލުގެ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ.

ޔަމަނަށް ނިސްބަތްވާ އުވައިސްއަކީ ކީރިތި ރަސޫލާގެ ޒަމާނުގައި އެކަލޭނގެފާނުގެ އަރިހަށް ޒިޔާރަތް ކުރައްވަން އެތައް މަސައްކަތެއް ކުރެއްވި ނަމަވެސް މަންމާފުޅުގެ ބަލި ހާލަތު ހުރިގޮތުން އެކަން ކާމިޔާބު ނުކުރެއްވުނު ބޭފުޅެކެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަތައް އައިސްފައިވާ ގޮތަށް ބަލާއިރު އުވައިސްއަށް އެކަލޭގެފާނާއި ބައްދަލު ކުރެއްވޭނެ ގޮތެއް ނެތުމުން އެ ހެދުންކޮޅު ރަސޫލާގެ ފަރާތްޕުޅުން އުވައިސް ފޮނުއްވީ ޔަމަނަށް ދަތުރު ކުރެއްވި ބަޔަކާއި ހަވާލުކޮށްފަ އެވެ. އޭގެ 24 އަހަރު ފަހުން އުވައިސް އަވަހާރަވި އިރު، އެއްވެސް ދަރިކަލަކު ނެތުމުން އެ ހެދުންކޮޅާ ހަވާލުވެލެއްވީ ބޭބޭފުޅެވެ. އެ ހެދުންކޮޅާ އަދިވެސް ހަވާލުވެ ތިއްބެވީ އެ އާއިލާގެ ދަރިފަސްކޮޅެވެ.

މިހާރު ހެދުންކޮޅާއި ހަވާލުވެތިއްބެވީ އެ އާއިލާ 13 ވަނަ ދަރިކޮޅުގެ މީހުންނެވެ. އެ ހެދުންކޮޅު ފާތިހް ޑިސްޓްރިކްޓުގެ މިސްކިތުގައި އާންމުންނަށް ދައްކާލަން ފެށީ 1851 ވަނަ އަހަރު އެވެ.

މިއަހަރު އަލުން އެ މައުރަޒު ފަށާފައިވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ހެދުންކޮޅު ދައްކާލުން ކުރިޔަށް ގެންގޮސްފައި ނުވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް