އަފްގާނިސްތާނުގައި އިއްޔެ ހުކުރު ގަޑީގައި މިސްކިތެއްގައި ބޮމެއް ގޮއްވާލައިގެން 33 މީހުން މަރާލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ކުންދުސް ސިޓީގެ ސުންނީ މުސްލިމުންގެ މިސްކިތެއްގައި އެވެ. މިހާދިސާގައި 33 މީހުން މަރުވެ 43 މީހުން ޒަހަމްވެފައިވެ އެވެ.
ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ. އެކަމަކު މިއީ ހަރުކަށި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަމަލާއެއް ކަމަށް ތޯލިބާން ސަރުކާރުން ބުނެފައިވެ އެވެ.
ހަމަލާ ދީފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު އަފްގާނިސްތާނުގެ އެކި ސިޓީތަކުގެ މިސްކިތްތަކަށް އަމާޒުކޮށް ހަތަރު ހަމަލާދީ އެތައް ބަޔަކު މަރާފައިވަނިކޮށެވެ. އަދި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގެ ސްކޫލްތަކާއި އެހެނިގެން ސަރަހައްދުތަކުގައިވެސް ބޮން ގޮއްވުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.
މިދިޔަ ހަފްތާގައި ދިން ހުރިހާ ހަމަލާއެއްގެ ޒިންމާ އައިއެސްއިން ނަގާފައިވެ އެވެ. އެމީހުން ބުނީ އެ ހަމަލާތަކަކީ އެ ޖަމާއަތުގެ ލީޑަރާއި ތަރުޖަމާނު މަރާލާފައިވާތީ އޭގެ ބަދަލު ހިފުމުގެ ގޮތުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދެމުންދާ ހަމަލާތަކުގެ ތެރެއިން ދެވުނު ހަމަލާތަކެއް ކަމަށެވެ.
އެ ހަމަލާތައް ދިނީ އެ ގައުމުގައި މިހާރު އައިއެސްގެ ބާރު ކަނޑުވާލައި ހުރިހާ ސަރަހައްދެއްވެސް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް ރައްކާތެރި ކުރެވިފައިވާ ކަމަށް ތޯލިބާނުން ބުނެފައިވަނިކޮށެވެ. ތޯލިބާނުން ވަނީ މިދިޔަ ހަފްތާއެއްހާ ދުވަހު އެ ގައުމުގައި ހަމަލާދިން މީހުން ހޯދުމަށް ސީރިއަސް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް