މިއަދަކީ ބައިނަލްއަޤްވާމީ ފޮތާއި ކޮޕީ ރައިޓް ދުވަސް

ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން 1995 ވަނަ އަހަރު ޕެރިހުގައި ބޭއްވުނު ޖެނެރަލް ކޮންފަރެންސްގައި، ދުނިޔޭގެ ފޮތާއި ކޮޕީރައިޓް ދުވަސް  23 ...

23 Apr 2022 | 04:13

ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން 1995 ވަނަ އަހަރު ޕެރިހުގައި ބޭއްވުނު ޖެނެރަލް ކޮންފަރެންސްގައި، ދުނިޔޭގެ ފޮތާއި ކޮޕީރައިޓް ދުވަސް  23 އެޕްރީލްގައި ފާހަގަކުރުމަށް އިޚްތިޔާރު ކުރީ، ފޮތްތަކަށާއި ލިޔުންތެރިންނަށް ދުނިޔޭގެ ފެންވަރުގައި އިޙްތިރާމް އަދާކުރުމުގެ ގޮތުންނެވެ.

އޭޕްރީލް މަހުގެ 23 ވަނަ ދުވަހަކީ ވިލިއަމް ޝެކްސްޕިއަރ، މިގުއެލް ޑި ސަރވަންޓްސް އަދި އިންކާ ގަރްސިލާސޯ ޑިލާ ވެގާ، ފަދަ މަޝްހޫރު ބައިނަލްއަޤްވާމީ އެތައް ލިޔުންތެރިންގެ މަރުގެ އަހަރީ ދުވަހެވެ.

ޔުނެސްކޯއާއި ކަމާ ގުޅުން ހުރި އެހެން ޖަމްއިއްޔާ ޖަމާއަތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަޚުރުވެރިކަމާއެކު މިދުވަސް ފާހަގަކުރަނީ ލިޔުންތެރިންނާއި ފޮތްތަކުގެ އަގު ވަޒަންކުރުމަށާއި ފޮތް ކިޔުމާއި ތަރުޖަމާކުރުމާއި ޝާއިއުކުރުމުގެ ފަންނު ކުރިއެރުވުމާއި ކޮޕީރައިޓްހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބައިނަލްއަޤުވާމީ ފޮތުގެ ދުވަސް ފާހަގަކުރަނީ މަގުމަތީގައި އެކި ފެސްޓިވަލްތައް ބާއްވައިގެންނެވެ.

ފޮތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމާއި، ސައިންސާއި، ޘަޤާފަތާއި، މަޢުލޫމާތު ހޯދައި،  ތަޢުލީމު އުނގަންނައިދިނުމަށް، އެންމެ މުހިންމު ދަޢުރެއް އަދާ ކުރާ ވަސީލަތެވެ. ހަމައެހެންމެ، ފޮތް ކިޔުމަކީ ތަޢުލީމީ ހަޔާތް ކާމިޔާބުވުމުގެ ތަޅުދަނޑިވެސްމެއެވެ.

ފޮތް ކިޔަން ޝައުގުވެރިވާ ފަރާތެއްނަމަ، މި ފުރުސަތަކީ އާ ފޮތްތައް ހޯދާ ބަލައި ދިރާސާކުރަން އެންމެ ރަނގަޅު ވަގުތެވެ.

ދުނިޔޭގެ ފޮތުގެ ދުވަސް ފާހަގަ ކުރުމަށް ރަނގަޅު ފޮތެއް ކިޔާލަން ގޭގައި ވަގުތު ހޭދަކުރެވިދާނެއެވެ. ނުވަތަ ކޮންމެ ތަނެއްގައި ހުރެގެންވެސް މިޒަމާނުގައި އިންޓަރނެޓްގެ ޒަރިއްޔާއިން އީ-ފޮތެއް ކިޔާލެވި ދާނެއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ފޮތުގެ ދުވަހުގެ އުފާ މިހާރަށްވުރެ ޚާއްޞަ ކުރުމަށްޓަކައި، ފޮތް ކިޔުމަށް ލޯބިކުރާ ކުދިންނަށް ނުވަތަ ރަޙްމަތްތެރިންނަށް ރަނގަޅު ފޮތެއް ހަދިޔާ ވެސް ކުރެވިދާނެއެވެ.

ފޮތަކީ ޢިލްމުގެ ވަސީލަތަކަށް ވެފައި، ފޮތަށް ވުރެ ވަކި ރަނގަޅު އެކުވެރިއެއް ނެތެވެ. ފޮތް ކިޔުމުން އަހަރެމެންނަށް އަގުހުރި އެތައް ނަސޭހަތްތަކެއް ފޯރުކޮށްދީ، ފިކުރު ބޮޑުވެ ހާސްވާ ކަންކަމުން ދުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދީ އާ ކަންކަން ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް