އަފްޤާނިސްތާނުގައި ޤައުމީ ހިތާމަފާޅު ކުރުމުގެ ދުވަހެއް ފާހަގަކޮށްފި

މިދިޔަ ހުކުރު ދުވަހު ތާލިބާނުން އަފްޤާނިސްތާނުގެ ރަށެއްކަމުގައިވާ މަޒަރް އޭ ޝަރިފްގައި ހުންނަ އެ ޤައުމުގެ ސިފައިންގެ މަރުކަޒަކަށް ދިން ޙަމަލާގައި 100 އަށްވުރެ ގިނަ ސިފައިން މަރުވުމުން އެ ޤައުމުގައި ޤަ...

23 Apr 2017 | 02:15

މިދިޔަ ހުކުރު ދުވަހު ތާލިބާނުން އަފްޤާނިސްތާނުގެ ރަށެއްކަމުގައިވާ މަޒަރް އޭ ޝަރިފްގައި ހުންނަ އެ ޤައުމުގެ ސިފައިންގެ މަރުކަޒަކަށް ދިން ޙަމަލާގައި 100 އަށްވުރެ ގިނަ ސިފައިން މަރުވުމުން އެ ޤައުމުގައި ޤައުމީ ހިތާމާ ފާޅު ކުރުމުގެ ދުވަހެއް ކުރިއަށް ގެންގޮސްފިއެވެ.

އަފްޤާނިސްތާނުގެ ރާއީސް އަޝްރަފް ގާނީ ވިދާޅުވީ މި ޙަމަލާއަކީ އިސްލާމްދީނުގައި އަންގާވާފައިވާ ގޮތާއި، އެ ދީނުގެ އުޞޫލުތަކާއި ޚިލާފަށް ދީފައިވާ ޙަމަލާއެއްކަމަށެވެ. ރައީސް ޤާނީ ވަނީ މިދިޔަ ހޮނިހިރު ދުވަހު ޙަމަލާދީފައިވާ ސަރައްޙައްދަށް ޒިޔާރަތްކޮށް އެ ސަރަޙައްދު ބައްލަވާލައްވާފައެވެ. އަދި މި ޙަމަލާގައި ޒަޙަމްތައް ލިބުނު ސިފައިންނާއިވެސް އަޝްރަފް ބައްލަކުރައްވާފައިވެއެވެ.

އެ މަރުކަޒުގެ މިސްކިތެއް ކައިރިއަށް ދިން މި ޙަމަލާގެ ޒިންމާ ތާލިބާން ޖާމާޢަތުން ވަނީ ނަގާފައެވެ. ސިފައިންނަށް ޙަމަލާ ދިނުމަށްޓަކައި ތާލިބާނު ޖާމާޢަތުގެ ހަނގުރާމަވެރިން އެ ސަރާޙައްދަށް ވަދެ ޙަމަލާދީފައިވާނީ ހުކުރު ނަމާދު ވަގުތުގައި، ސިފައިންގެ ޔުނިފޯމް އަޅައިގެންނާއި، މިލިޓަރީ ވެހިކަލްތަކުގައެވެ. މި ހަމާލާގައި ތާލިބާނުންގެ 10 ހަނގުރާމަވެރިޔަކުވެސް މަރުވެފައިވެއެވެ.

ސިފައިންގެ އެ މަރުކަޒުގައި އަފްޤާނިސްތާނުގެ އުތުރުގެ ހިސާބުތަކަށް ސެކިއުރިޓި ފޯރުކޮށްދިނުމަށްޓަކައި އެ ޤައުމުގެ ދިފާޢީ ބާރުގެ 290 ސިފައިން މަސައްކަތްކުރެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ޙަމަލާދިންއިރު އަފްޤާނިސްތާނުގެ ސިފައިންނަށް އެހީތެރިވުމަށް އެ މިލިޓަރީ ބޭސްގައި ޖަރުމަނާއި އެހެން ބައެއް ޤައުމު ތަކުގެ ސިފައިންވެސް ތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް