ނާޒް އާއި އާތިފް ކައިވެނި ކުރީ ކިތަންމެ ލޯބިން ކަމުގައިވިނަމަވެސް ނާޒްގެ އާއިލާއިން އާތިފްއާ ނުރުހެއެވެ. ނާޒް އަކީ މަހުޖަނު އާއިލާއަކުން އައިސްފައިވާ ކުއްޖަކަށްވެފައި އާތިފްއަތުގައި އާގުބޯޓާއި، ބެންޒް ކާރާއި، ބޭންކް އެކައުންޓުގައި ހަތް އަދަދުން ގުނޭ ވަރަށް ފައިސާ ނެތީމައެވެ.
ނާޒްއާއި އާތިފް ކައިވެނިކޮށްގެން ބަދަލުވީ އާތިފްގެ ރަށަށެވެ. ނާޒްގެ އާއިލާއިން އެދަމަފިރިންނަށް ބޯހިޔާކޮށްލާނެ ތަންކޮޅެއް ނުދިނުމުންނެވެ. އާތިފްއަކީ ކިރިޔާ ފުދިގެން އުޅޭ އާއިލާއެއްގެ މީހަކަށް ވުމުން އާތިފް ދިޔައީ ނާޒްގެ ބޭނުންތައް ފުއްދައިދިނުމަށް ދާ އޮހޮރުވައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނާޒް އުޅެމުންއައީ ހިތްހަމަ ޖެހިގެންނެވެ. އެހެންނަމަވެސް މިދިރިއުޅުން ބަދަލުވެގެން ދިޔައީ އާތިފްގެ ކުއްޖަކަށް ނާޒް ބަނޑުބޮޑުވުމުންނެވެ. ބަނޑުބޮޑުވުމުން ނާޒް ކުރިން ދިރިއުޅެމުންއައި އަރާމު ދިރިއުޅުން އަނެއްކާވެސް ބޭނުންވެއްޖެއެވެ. ކާންބޭނުންވަނީ ބޭރުން އެތެރެކޮށްފައިވާ މޭވާ އާއި ގެރިމަހެވެ. ނިދަންބޭނުންވަނީ އޭސީ ހަރުކޮށްފައިވާ ބޮޑު ކޮޓަރިއެއްގައެވެ. 64 އިންޗީގެ ޓީވީއެއްގައި ތިން އިރަށް ފިލްމު ބަލާ ހިތް އަނެއްކާވެސް ނާޒް ވާންފަށައިފިއެވެ. އެހެންނަމަވެސް މި އެދުންތައް ފުއްދައިދެވޭވަރުގެ ތަނަވަސްކަމެއް އާތިފްގެ ކިބައިގައެއް ނެތެވެ. މިހިސާބުން މިދެމަފިރިންގެ މެދުގައި މައްސަލަ ޖެހެން ފަށައިފިއެވެ. ނާޒް ދަނީ އޭނަގެ އެދުންތަކާއި ބޭނުންތައް އާތިފްއަށް ބަންޑުންކުރަމުންނެވެ. އާތިފް ދިޔައީ އެކަންކަމާމެދު ވިސްނައި ބޯ ގާނަމުންނެވެ. ނާޒްގެ އެއްވެސް އެދުމެއް ފުރިހަމަ ނުކޮށްދެވިއްޖެނަމަ ނާޒްގެ ގާތަށް އިންތިހާ ރުޅިއާދެއެވެ. ބައެއްފަހަރު މިހެން އަންނަ ރުޅީގައި ނާޒް އާތިފްއަށް އަނިޔާކޮށް ވެސް ހަދައެވެ. އާތިފްދިޔައީ މިހުރިހާ އަނިޔާއަކާއި ވޭނަށް ކެއްކުރަމުންނެވެ. މި ދުނިޔޭގެ އަލިކަން ނުދެކޭ އާތިފްގެ ދަރިފުޅުގެ ހައްގުގައެވެ. އާތިފް ހުރީ އޭނަގެ ދަރިފުޅު އުރާލުމަށްޓަކައި ދުވަސް ގުނާލަ ގުނާލައެވެ. ނާޒްވެސް ހުރީ އޭނަގެ ދަރިފުޅު ދުނިޔޭގެ އަލިކަން ދެކޭނެ ދުވަހަކަށް އިންތިޒާރުކޮށްލައިގެންނެވެ. އެކަމަކު ނާޒްގެ ހިތުގައި ވަނީ އެހެން މަގުސަދެކެވެ.
ދުވަސްތައް ފާއިތުވެ ނާޒްވިހައިފިއެވެ. އާތިފްއާއި ނާޒްއަށް ލިބުނީ ވަރަށް ލޯބި ފިރިހެންކުއްޖެކެވެ. ދަރިއަކު ލިބުމުން އާތިފްއަށް ވަނީ 100 އީދު އެއްފަހަރާ އައިސްފައެވެ. ނަމަވެސް ނާޒް އޭނަގެ ދަރިފުޅަށް އެއްވެސް ފަރުވާލެއް ނެތެވެ. ވިހައި ގަދަ ވުމާއެކު ނާޒް އާތިފްގެ ކައިރިން ވަރިވާން އެދުނެވެ. ވަރިނުކޮށްދީފިނަމަ ކޯޓަށްގޮސްގެން ވަރިވެ ދަރިފުޅު ދެކިލަންވެސް ނުދޭނެކަމަށް ބުނެ ނާޒް އާތިފްއަށް ބިރުދެއެއްކިއެވެ. އާތިފް ވަރަށް ފިކުރުކުރުމަށްފަހު ނާޒް ވަރިކޮށްދޭން އެއްބަސްވިއެވެ. އެކަމަކު ޝަރުތަކާއެކުގައެވެ. އާތިފް ނާޒް އަށް ޝަރުތުކުރީ އެދެމީހުންގެ ދަރިފުޅު އާތިފްއާއި ހަވާލުކޮށްދިނުމަށެވެ. ދުނިޔޭގެ އަރާމަށް ހިތްޖެހިފައިވާ ނާޒް މިޝަރުތައް އެއްބަސްވެ ދަރިފުޅު އާތިފްއާއި ހަވާލުކުރުމަށްފަހު އާތިފްކައިރިން ވަރިވެގެން ގޮސްފިއެވެ.
އާތިފްގެ ކުރިމަތީގައި އޮތް އިމްތިހާނުގެ ބޮޑުކަން އާތިފަށް އެނގެއެވެ. ޒަވާޒީ ހަޔާތް ބަރުބާދު ވިނަމަވެސް އާތިފްގެ ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން އާތިފް ބޭނުންވިއެވެ. އާތިފްއަކީ މޮޅަށް ކިޔަވައިގެން ހުރި މީހަކަށް ނުވުމުން ރަށުގައި ހުރެގެން އަދާކުރެވޭނެ ވަޒީފާއެއް އާތިފްއަކަށް ނުލިބުނެވެ. ދަރިފުޅުގެ އެންމެހާ ބޭނުންތައް ފުއްދައިދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް އާތިފް ގަސްތުކުރީ ކަނޑުމައްޗައް މަސްވެރިކަމު ނިކިތުމަށެވެ. ދޭހާ އަތްވަކާއި ވެހޭ ހާ ވަރެއަކަށް އާތިފްގެ ފަރުވާލެއް ނެތެވެ. އާތިފްގެ ހިތުގައި އޮތީ އެންމެ އުދާހެކެވެ. ދަރިފުޅާއި ދުރުގައި ގިނަވަގުތު ހޭދަކުރަން ޖެހޭނެކަމެވެ. އެހެންނަމަވެސް ދަރިފުޅުގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް އާތިފް ހުރީ ތައްޔާރަށެވެ.
އާތިފްއަށް ރަނގަޅުވީ މަސްވެރިކަން އެކަންޏެއް ނޫނެނެވެ. އާތިފްގެ އާދިރިއުޅުންވެސް ދިޔައީ ވަރަށް ފަހިކޮށެވެ. މިޒްދާންގެ ނަމުން ނަންދިން އާތިފްގެ ދަރިފުޅަށް ތިން އަހަރު ފުރިއްޖެއެވެ. އާތިފްއާއި އޭނަގެ ދަރިފުޅު އޭނަގެ އާއިލާއާއެކު އުޅެމުން އައީ ވަރަށްވެސް އުފަލުގައެވެ. ނަމަވެސް މިއުފާވެރިކަން އަނެއްކާވެސް މާގިނަދުވަހު ދެމިގެން ދާގޮތެއް ނުވިއެވެ. ނާޒް އޭނަގެ ދަރިފުޅު ބަލައި އެނބުރި އާތިފްގެ ގާތަށް އަތުވެއްޖެއެވެ. ނަމަވެސް އާތިފް ހުރީ މިޒްދާން އޭނަގެ މަންމަޔާ ހަވާލުކުރާގޮތަކަށް ނޫނެވެ. އާތިފްއާއި މިޒްދާން ވަކިވުމުގެ ބިރަށްވުރެ އާތިފްގެ ހިތަށް ވެރިވެފައިވަނީ ދަރިފުޅަށް ނާޒްގެ ފުށުން ލިބިދާނެ އަނިޔާއަކަށެވެ. އާތިފް އެ އަނިޔާ ތަހަންމަލްކޮށްފައިވާތީއެވެ. ޏާޒްގެ ކޮންޓްރޯލް ނުކުރެވޭ ރުޅިގަނޑު އެންމެ ހިތުދަހީ އާތިފް ކަމަށްވާތީއެވެ. އާތިފް އޭނަގެ ދަރިފުޅަށް އެދެނީ އުފަލާއި ފާގަތިކަމެވެ. އެއްވެސް ހާލެއްގައި ކުލުނެއް ނެތް މައެއްގެ ވަކިތަކުގައި ޖެހި ދަރިފުޅުގެ ދިރިއުޅުން ވީރާނާވެގެން ދާކަށް އާތިފްބޭނުމެއެއް ނޫނެވެ. އެހެންކަމުން އާތިފްހުރީ ދަރިފުޅުގެ ބެލެނެވެރިކަން ހޯދުމަށް އަތުކުރި އޮޅާލައިގެންނެވެ. މި ގަދަހިފުމުގައި އާތިފްގެ އާއިލާ އާތިފްއަށް އެއްބާރުލުން ދިނެވެ. ހަމަ އެބީދައިން ނާޒްގެ އާއިލާއިން ނާޒްއާއި އެއްބައިވިއެވެ.
މިޒްދާންގެ ބެލެނެވެރިކަމުގެ މައްސަލަ ކޯޓަށް ވައްދައިފިއެވެ. ނާޒް ސާބިތުކޮށްދޭން ބޭނުންވަނީ ދަރިފުޅު ބަލައި ބޮޑުކުރެވޭ ފެންވަރު އާތިފްގެ ގައިގައި ނެތްކަމެވެ. އާތިފްވަކާލާތުކުރަނީ ދަރިފުޅުގެ ހުރިހާ ބޭނުމެއް އާތިފްއަށް ފުއްދައިދެވޭނެކަމާއި ނާޒް އަކީ އަނިޔާވެރި މަންމައެއްކަން ސާބިތުކޮށްދިނުމަށެވެ. ހެއްކާއި ގަރީނާ ބުރަވެފައި އޮތީ އާތިފްގެ ތިލަފަތަށެވެ. ކަން ވާނީވެސް އެހެންތާއެވެ. އާތިފް ދިޔައީ ބުރަމަސައްކަތުން މިޒްދާންއަށް ފާގަތި ދިރިއުޅުމެއް ބިނާކޮށްދެމުންނެވެ. އާތިފްގެ ފުށުން މިޒްދާން އަށް ނުފުދޭ އެއްވެސް ކަމެއް ލިބުނު އެއްވެސް ދެރައެއްނެތެވެ. މައްސަލަ އާތިފްގެ ކޮޅަށް ނިމެން އުޅޭކަމުގެ ކޮޅުމަތި ފެނުމުން ނާޒްއާއި އޭނަގެ އާއިލާ ހާސްވެ ހަދާނެ ގޮތް ހުސްވެއްޖެއެވެ. ނާޒްއާއި އޭނަގެ އާއިލާއަށް ހެދޭނެ ދެންއޮތީ އެންމެ ފަންޑިތައެކެވެ. އެއީ އެ އާއިލާގެ މުދާވެރިކަމުގެ ނުފޫޒުގައި މައްސަލަ ބަލާ ގާޒީ ޖެއްސުމެވެ. ބަލަން ނުހުރެ ނާޒްގެ ބައްޕަ ފައިސާއިން ގާޒީގެ ހިތްފުރާލަދީފިއެވެ. ކަމުގެ ހިލަމެއް އެކަކަށްވެސް ނުވާގޮތަށެވެ.
މައްސަލައިގެ ހުކުމްކުރާ ދުވަސް އައިސް ޖެހިއްޖެއެވެ. އާތިފް ހުރީ ދަރިފުޅުގެ ބެލެނެވެރިކަން ލިބޭނެކަމުގެ ވަރަށް ފުރިހަމަ ޔަގީންކަމާއެކުގައެވެ. އާތިފް ސާބިތުކޮށްދޭން ޖެހޭ ހުރިހާ ކަމެއް އާތިފް އޮތީ ސާބިތުކޮށްދީފައެވެ. ނަމަވެސް ނާޒްގެ އާއިލާއިން ކުޅުނު ކުޅިއެއް އާތިފްއަކަށްވެސް އަދި އެއްވެސް މީހަކަށް ނޭނެގެއެވެ. އެންމެން ސިއްސުވާލީ ގާޒީގެ ހުކުމާއެކުގައެވެ. ހުކުމްގައި އޮތީ އާތިފްގެ ގައިގައި ދަރިފުޅު ބެލުމުގެ މާލީ ތަނަވަސްކަމެއް ނެތްކަމަށެވެ. އަދި ދަރިފުޅު ހަތް ދުވަސް ތެރޭގައި ކުއްޖާގެ މަންމައާއި ހަވާލުކުރުމަށެވެ. ކޯޓުން މިހެން އަމުރުކުރުމުން އާތިފް ހަދާނެ ގޮތް ހުސްވެއްޖެއެވެ. މާޔޫސްވެ ދުނިޔެމަތިން ފޫހިވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ޒަވާޖީ ހަޔާތްވެސް ނާކާމިޔާބުވީއެވެ. ބައްޕައެއްގެ ސަފުންވެސް އާތިފަށް ލިބުނީ ނާކާމިޔާބީއެވެ.
ކޯޓު އަމުރާއި އެކުވެސް ދަރިފުޅު މަންމައާއި ހަވާލުކުރާކަކަށް އާތިފް ބޭނުމެއް ނުވިއެވެ. އެހެނަސް ހަތްދުވަސް ހަމަވުމުން ކަމާބެހޭ ފަރާތްތަކުން އައިސް ދަރިފުޅު އާތިފްގެ އަތުން ފޭރިގަނެގެން ގޮސް އެކުއްޖާގެ މަންމައާއި ހަވާލުކޮށްފިއެވެ. ކުއްޖާ ރޮއެ ރޮއެ އޮއްވައެވެ. ކުއްޖާއަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ވިސްނުމެއް ނެތިއެވެ. އެބޭފުޅުން ތަބާވީ އެބޭފުޅުންގެ މައްޗައް އައި އަމުރަށެވެ. އަދާކުރީ އެބޭފުޅުންގެ ވަޒީފާއެވެ. ކަމާ ބެހޭ އެއްވެސް ފަރާތަކުން އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ކޯޓުން އައި އަމުރަކާ އެއްގޮތަށް އަމަލުކުރީމައެވެ.
މިޒްދާން އޭނަގެ މަންމަގާތަށް ބަދަލުވިތާ އެއް މަސް ވެއްޖެއެވެ. އުމުރުގެ ޅަކަމާއިއެކުގަވެސް މިޒްދާން އޭނަގެ މަންމަގާތު މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ކޮންމެ ދުވަހަކުވެސް ރޮއެ އާދޭސް ކުރަނީ ބައްޕަ ގާތަށް ދިއުމަށެވެ. މަންމަގެ ފަރާތުން ނުލިބޭ އަޅާލުމާއި ލޯބި ހޯދުމަށެވެ. މިޒްދާންއަށް ތަހަންމަލް ނުކުރެވެނީ މިޒްދާން ނުވަމަސް ދުވަހު ބަނޑުއަޅައި ވިހެއި މައިމީހާގެ ފުށުން ލިބެމުންދިޔަ އަނިޔާއަށެވެ. މިޒްދާންގެ ނިމުންއަންނާނީ މިއަނިޔާތަކުގައި ކަމުގައި އެއްވެސް މީހަކު ހީކޮށްފައެއް ނެތެވެ. މިޒްދާން މިދުނިޔެއާއި އަލްވަދާއު ކީ ވަރަށްވެސް ހިތާމަވެރިކޮށެވެ. މިޒްދާންގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ މިޒްދާންގެ މަންމަދިރިއުޅޭ ގޭގެ ސިޑިގޮޅިންނެވެ. ފުލުހުން މިމައްސަލަ ވަރަށް ސީރިއަސްކޮށް ބެލިއެވެ. ތަހުގީގުން އެނގުނީ މިޒްދާން މިދުނިޔެއާއި އަލްވަދާއު ކިޔަން ޖެހުނީ މަންމަ ކާންދޭ އުޅެންފެށުމުން ނުކެއުމުން ކޮށްޕާލުމަށްފަހު ބައްޕަ ގާތަށް ދާށޭ ބުނުމުން މިޒްދާން އެގެއިން ނިކުންނަން އުޅުމުގެ ތެރޭގައި ސިޑިން ވެއްޓިގެން ކަމެވެ. ކުށެއް ނެތް ތުއްތު ކުއްޖަކު މިދުނިޔެއާއި ވަކިވެ ދިޔައީއެވެ. ގިނަ ހުވަފެންތަކެއް ދެކެމުންދާނެ ޅަ އުމުރެއްގައެވެ. އެކަމަކު މިޒްދާންގެ މަރުގެ ޒިންމާ ނަގަންޖެހެނީ ކާކުހެއްޔެވެ؟ ކޯޓު އަމުރު ނެރުނު ގާޒީ ހެއްޔެވެ؟ ނުވަތަ ހުކުމް ތަންފީޒުކޮށްދިން ފަރާތްތަކުން ހެއްޔެވެ؟ ނުވަތަ ދޫ ބަންދުކޮށްގެން ތިބި ކަމާ ބެހޭ ފަރާތްތަކުން ހެއްޔެވެ؟ ނޫނީ މިޒްދާންގެ މަންމަ ހެއްޔެވެ؟ ނޫނީ ހުދު މިޒްދާނު ހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް