ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކަދުރު، އާދިއްތަ ދުވަހުން ފެށިގެން ބަހަން ފަށަން ހަމަޖެހިއްޖެއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކަދުރު ބެހުން ކުރިއަށް ދާނީ އާދިއްތަ ދުވަހުން ފެށިގެން 06 އޭޕްރިލް 2023ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.
އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރުބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބަލައި ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެ ކަމަށެވެ.
ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، 1443 (2022) ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަމަށް ވެސް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މިގޮތުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ބަހާއިރު، ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރު ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާއިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުން 2023ވަނަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު އެ ކައުންސިލްތަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
ސަޢޫދީ ސަރުކާރުން ރާއްޖެއަށް މިއަހަރު ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް