ކުރުވާހަކަ: ބައްޕަގެ ސިޓީ

ބަޑިއެއް ޖެހި އަޑުހެން ގޭތެރެއިން އިވިގެންދިޔައީ ނިޝާމް ކޮޓަރީގެ ދޮރުފަތް ޖެހިއަޑެވެ. ނިޝާމްގެ ހަގުދަރިފުޅު ގަތް ބިރުން ރޮއެ ގަތުމާއި އެކު ނިޝާމްގެ އަންހެނުން ސީމާ މަސައްކަތް ކުރީ އޭނާ މަސަލަސް ކުރެވޭ...

23 Mar 2023 | 06:12

ބަޑިއެއް ޖެހި އަޑުހެން ގޭތެރެއިން އިވިގެންދިޔައީ ނިޝާމް ކޮޓަރީގެ ދޮރުފަތް ޖެހިއަޑެވެ. ނިޝާމްގެ ހަގުދަރިފުޅު ގަތް ބިރުން ރޮއެ ގަތުމާއި އެކު ނިޝާމްގެ އަންހެނުން ސީމާ މަސައްކަތް ކުރީ އޭނާ މަސަލަސް ކުރެވޭތޯއެވެ. އެއަޑަށް އެގޭގައި ދެން ދިރިއުޅޭ ނިޝާމް އާއި އެއްބަނޑު އެއްބަފާ ދެކޮއްކޮ ކަމުގައިވާ ނިޝާމާއި ނަޝްމާ ދުވެފައި ކަހަލަގޮތަކަށް ސިޓިންގ ރޫމަށް ނުކުތެވެ. އެމީހުން ހީކުރީ އެއްޗެއް ވެއްޓި ކުއްޖަކަށް އަނިޔާވީ ކަމަށެވެ.

"ކިހިނެއްވީ! " ދޮންބެ ދައްތަ ސީމާ އާއި ސުވާލުކުރީ ފުރަތަމަ ނިޝާމާއެވެ.

"ދޮންބެ ކޮޓަރީގެ ދޮރު ލައްޕާލި އަޑު" ކުޑަ ދަރިފުޅު ކޮނޑުމަތީގައި ބާއްވައިގެން އޭނާ ހުއްޓުވުމަށް މަސައްކަތް ކުރަމުން ސީމާ ބުންޏެވެ.

"ކޮންކަމަކާ...!" ނިޝާމާއި ނަޝްމާއަށް އެއްފަހަރާ އަހާލެވުނެވެ. އެއްޗެކޭ ނުބުނެ ސީމާ ދައްކާލީ، ޓީވީކައިރީ ހުރި ކޮމްޕިއުޓަރ ރެކްގައި ހުޅުވާފައި ހުރި ކޮމްޕިއުޓަރުގެ ސްކްރީނެވެ. އޭގައި ހުޅުވާވައިހުރީ ކޮންމެވެސް އޮންލައިން ދުވަހު ނޫހެކެވެ. ނޫހުގައިވާ ސުރުހީއަށް ވުރެ ކުރިން ނިޝާމާ އައި ނަޝްމާގެ ލޮލުގައި އަޅައިގަތީވެސް ބައްޕަ އާއި އެގޭގައި އެތައް ދުވަހެއް ވަންދެން އެމީހުންގެ ނޯކަރެއްގެ ގޮތުގައި އުޅުނު ހައްވައެވެ.  އެއީފުލުހުންގެ ބެލުމުގެ ދަށުން އެދެމީހުން ޖިޕަކަށް އަރުވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.

ނިޝާމާއަށްވުރެ ކުރިން ކޮމްޕިއުޓަރާއި ގާތްވީ ނަޝްމާއެވެ. ޚަބަރުގައި ޖަހާފައިވާ ސުރުހީ ކިޔާލުމަށްފަހު ނަޝްމާ އެޅީ ތުންފަތުގައި ދަތެވެ.

"ދެންކީކޭ ބުނާނީ. މުސްކުޅިވެ ކާފަކީމަ އަދި ކިރިޔާ ޅަދުވަސް އަންނަނީ، ލަދުން މަރުވާވަރުވޭ" ކޮމްޕިއުޓަރާއި ދުރަށްޖެހިލަމުން ނަޝްމާ ބުންޏެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޝަފީޤު އެގޭގައި ގެންގުޅުނު އަންހެނަކާއި އެކު ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި ތިއްބައި ފުލުހުން ވަދެ ހައްޔަރުކޮށްފިކަމުގައި ލިޔެފައިވާ ޚަބަރުގެ ސުރުހީ ކިޔާލެވުމައި އެކު ނިޝާމާގެ މޫނުވެސް ދިޔައީ ފުފިގެންނެވެ. ގަތް ލަދުންނެވެ. ދެއަންހެންދަރީންނާއި ފިރިހެން ދަރިއަކު އަދި ހަތަރު ކާފަދަރިން ތިބިއިރުވެސް ބައްޕަ އުޅޭ ވައްތަރޭ ނިޝާމާގެ ހިތަށްވެސް އެރިއެވެ.

"މަށަކަށް ނުކެރޭނެ މާދަމާ އޮފީހަށްވެސް ދާން" ނިޝާމާ ސިޓިންގ ރޫމުގެ ސޯފާއަށް ވެއްޓިގަންނަމުން ބުންޏެވެ. ތެދެކެވެ. ބައްޕައަކު އެހެން އުޅޭ އިރު ދަރީން ކިހާ ލަދެއް ގަންނާނެ ހެއްޔެވެ؟ އެމީހުންނަކީ އާދައިގެ އާއިލާއެއްގެ ބައެއް ނޫނެވެ. މާލޭގެ ނަންހުރި ވިޔަފާރިވެރި އާއިލާއެކެވެ. ބައްޕަ އަކީ މަޝްހޫރު ވިޔަފާރިވެރިއަކަށް ވާއިރު، މަންމައަކީ ރަސްމަތިފުށުގެ ލޭ ހިނގާ އަބުރިވެރި ގަދަރުވެރި އާއިލާއެއްގެ މީހެކެވެ.

"މަންމަ ދުނިޔޭގައި ނެތްކަންވެސް ނަސީބު" ނަޝްމާވެސް ސިޓިންގ ރޫމުގެ ގޮނޑީގެތެރެއަށް ވެއްޓިގަންނަމުން ބުންޏެވެ.

"މަންމަ ނިޔާވިތާ އަދި ހަތަރުމަސް ނުވޭ. މީހަކާއި އިންނަން ބޭނުމިއްޔާ އިނީމަ ނިމުނީނު. އެއީ ކޮންވައްތަރަކަށް އުޅޭކަށްތަ؟" ނިޝާމާވެސް އޭނާގެ ހިތްބަންޑުންކޮށްލިއެވެ.

ނިޝާމާއި ނަޝްމާ އެމީހަކަށް  ގޮވުނު އެއްޗެއް ބައްޕައާއި ދިމާއަށް ގޮވަމުން ދިޔައެވެ. ހީވަނީ އެމީހުންގެ ހިތުގައި އޮތް އެތައް އަހަރެއްގެ ނަފުރަތުގެ ގިންޏެއް ނިވާލަނީ ހެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ބައްޕަ ގެސްޓް ހައުސްއެއްގެ ތެރެއިން ހިލޭ އަންހެނަކާއި އެކު އޮއްވައި ނެރުމުގެ ހުރިހާ ލަދެއް އުފުލާނީ ބައްޕަ އެކަންޏެއް ނޫނެވެ. ދަރީންވެސް މެއެވެ. އަނެއް ކޮޅުން ހައްވައަކީ ބައްޕަ އާއި އެއްއުމުރެއްގެ މީހެއް ނަމަވެސް އޭނާ އަކީ ނިޝާމް އާއި ނިޝާމާ އަދި ނަޝްމާ ކުޑައިރު އެމީހުންގެ މަންމައަށް ގޭތެރޭގައި މަސައްކަތްކޮށްދޭން ގެނައި އަންހެނެކެވެ. މަންމައަށް ވުރެ އެމީހުންގެ ގިނަ ކަންތައް ކޮށްދީފައި ހުންނާއި ހައްވަ އެވެ. ދެން ބައްޕައެވެ. އެކަމަކު އެކަމަކުން އެއިން އެއްވެސް ކުއްޖެއްގެ ހިތުގައި އެމީހުންނަށް އިތުރުވީ ލޯތްބެއް ނެތެވެ. ކުރެވުނު ނަމަ ކުރެވުނު ޤަދަރެއްވެސް މިރޭ ކެނޑިގެން ހިނގައްޖެއެވެ.

ޝަފީޤު ގެއަށް އައިސް ވަނީ ނިޝާމާއި ނަޝްމާ ސިޓިންގ ރޫމުގެ ސޯފާގައި އަނގަތަޅުވަ ތަޅުވައި ތިއްބައެވެ. ފުލުހުންގެ މީހަކާއި އެކު ބައްޕަ ދިޔަގޮތަށް ގޮސް ވަނީ ބައްޕަގެ ކޮޓަރިއަށެވެ. ޝަފީޤު ގެއަށް އައުމުން ސިޓިންގ ރޫމުގެ ތެރޭގައި ޓީވީ ބަލަން އިން ނިޝާމްގެ ދޮށީ ދަރިފުޅު ޝާވިން ދުވެގޮސް ކާފަ އައި ޚަބަރު ދިނުމުން ނިޝާމްވެސް ސިޓިންގ ރޫމަށްވެސް ނުކުމެއްޖެއެވެ.

"އަހަރެންނަށް ރަނގަޅީ ދިގުމުއްދަތަކަށް ޖަލަށްވެސް ލިއްޔާ، އާ އެހެންނަ ދެން ކޮންކަމެއްތަ ދަރިން ބޮޑެތިވެ މުސްކުޅިވީމަ!" ނިޝާމްވެސް ނިޝާމާ އާއި ނަޝްމާ އާއި ބައިވެރިވެލިއެވެ.

"ތިޔަ ކިޔާއެއްޗެހި ބައްޕައަށް އަޑު އިވިދާނެ." އެންމެ ފަހުން ސީމާއަށް ކެތްނުވެގެން އަނގަހުޅުވިއެވެ.

" އަޑުއިއްވާށޭ ބޭނުމީ.." ކުރިއަށްވުރެވެސް ބާރަށް ނިޝާމް ބުންޏެވެ.

"ކާކަށް ކޯއްޗެއް އަޑު ނީއްވިގެންތަ ތިއުޅެނީ" ގޭތެރެއަށް ވަދެގެން އައި އެމީހުންގެ ބޮޑުދައިތަ ޝަރީފަ ބުންޏެވެ. ހުރިހާ އެންމެން ހިމޭންވިއެވެ. އެކަކުވެސް ދެން އިތުރަށް އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ވާހަކަފެށީ ބޮޑު ދައިތައެވެ.

"ބޮޑު ދައިތަ ވާހަކައެއް އަޑު އަހައިގެން މިއައީ، ތިކުދިންގެ ބައްޕަ މިގޭގައި ގެންގުޅުނު ހައްވައާއި އެކު ގެސްޓްހައުސްއެއްގެ ތެރޭގައި އޮއްވައި...."

"ހުއްޓާލަ ބަލަ ބޮޑު ދައިތާ!" ސީމާއަކަށް އަނެއްކާވެސް ހިމޭނަކުން ނުއިނދެވުނެވެ. ދަނބިދަރިއަކަށް ވިޔަސް ޝަފީޤުގެ ދަރީންނަށްވުރެ އޭނާ ޝަފީޤު ދެކެ ލޯބިވެއެވެ. އަދި ހައްވައަށްވެސް އިހްތިރާމް ކުރެއެވެ. އެއީ އެމީހުން އެވާހަކަދައްކާހައި ވިޔާނުދާ ބައެއް ނޫންކަން އެނގެނީ ސީމާއަށެވެ. މީގެ އަހަރުތަކެއް ކުރިން ސީމާއަށް އެހަޤީޤަތްތައް ވަނީ ސާފުވެފައެވެ. ހައްވަ މިގޭގައި އެންމެ ފަހުން އުޅުނު ދުވަސްތަކުގެ ތެރޭގައި ހައްވަ އުޅުނު ކޮޓަރިއަށް ޝަފީޤުވަންނާތީ، ސީމާވެސް ދެކުނެވެ. ހައްވަ އެގެއިން ނެރެ ފޮނުވާލުމަށް މައިދައިތަގެ ގާތުގައި ބުނީވެސް ސީމާއެވެ. އެގޭގައި ނޯކަރެއްގެ ގޮތުގައި ދިރިއުޅޭތާ ހަތާވީސް އަހަރުފަހުން، ހައްވަ އެގެއިން ނުކުމެގެން ދިޔައީ މީގެ ދެތިން އަހަރު ކުރިންނެވެ. އެދުވަހު އޭނާ ދިޔައީ، ސީމާއަށް ހުރިހާ ވާހަކައެއް ކިޔައި ދީފައެވެ. ޝަފީޤު އާއި ހައްވަގެ ގުޅުމުގެ ހުރިހާ ވާހަކައެކެވެ.

ސީމާގެ ހިތުގައި ހައްވައަށް ވަނީ މައެއްގެ ދަރަޖައެވެ.  ޝަފީޤުއަށް ވަނީ އުފަން ބައްޕައެއްގެ ދަރަޖައެވެ. އެހެނީ މައިންބަފައިން ދަރީންނަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނެ ކަން އަދި ދަރީން މައިންބަފައިންނަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނެކަން އެދުވަހު އޭނާއަށް ޔަޤީންވިއެވެ.

"ދަރިން ބޮޑެތިވެ ދަރީންނަށް ދަރީން ލިބުނީމާ ކޮންގޮތަކަށް އުޅޭންތަ ކަލޭމެންގެ ބައްޕަ އެއުޅެނީ. އެހައްވަ އަކީވެސް މަކަރުވެރި އަންހެނެއްކަން އޭރުވެސް މަދެނަހުރީން، ކަލޭމެން ކުދީން ބަލައިބޮޑުކޮށްދޭން އޭނާގެވެސް ކޮންމެވެސް ބޭނުމެއް އޮތީމާތާ އެއުޅުނީ. ޝީރީން ދުނިޔޭގައި ހުރެގެންތާ އެމީހުންނަށް އުޅޭނެ ގޮތަކަށް ނޫޅެވިގެން އެއުޅުނީ." ކުދިންގެ ހިތުގައި ބަފައިމީހާ އާއި މެދު އުފެދިފައިވާ ރުޅިވެރިކަމުގެ ހުޅުގަނޑަށް ބޮޑުދައިތަ ދަރުއަޅަމުން ދިޔައެވެ.

"ހައްވަ އެއުޅެނީ މިގެއާއި މިމުދާގަނޑުން ބައެއް ދަމައިގަންނާނެ ގޮތެއް ހޯދަން. މަކަރުވެސް ގަދަ އަންހެނެއް" ބޮޑުދައިތަ ވާހަކަ ހުއްޓާލީ، ފުލުސްމީހާ އާއި އެކު ޝަފީޤު ކޮންމެވެސް ސިޓީއުރައެއް ހިފައިގެން ސިޓިންގ ރޫމަށް ނުކުތުމުންނެވެ.

ފުލުސްމީހާ އާއި އެކު ޝަފީޤު ދެން ގޮސް ވަނީ ސިޓިންގ ރޫމުން ވަދެވޭގޮތަށް ހަދާފައި ހުރި އޭނާގެ އޮފީސް ކޮޓަރިއަށެވެ. އެތަނަށް ޝާވިންވެސް އެމީހުންނާއި އެކު ވަނެވެ. އެތަނުން ކޮންމެވެސް އެއްޗެއް ފޮޓޯ ކޮޕީ ނަގައިގެން އަނެއްކާވެސް ޝަފީޤުގޮސް ވަނީ ކޮޓަރިއަށެވެ. ފުލުސްމީހާ މިފަހަރު ހުރީ ކޮޓަރިއަށް ނުވަދެ ބޭރުގައެވެ.

ގޭތެރޭގައި އެންމެން ތިބީ ހިމޭންވެފައެވެ. އިރުކޮޅަކުން ޝަފީޤު ނުކުމެއްޖެއެވެ. ފުލުސް މީހާ އާއި އެކު ގެއިން ނުކުންނަން ދިޔައިރު އާއްމުކޮށް އޭނާ ދަތުރުތަކުގައި ދާއިރު، ގެންދާ ދަބަސް ކޮނޑުގައި އޮތެވެ. ސިޓިންގ ރޫމް ސޯފާއާއި ހަމައަށް އައިސްފައި ޝަފީޤު އޭނާގެ ދޮށީ ދަރިފުޅު ނިޝާމްއަށް ދިއްކޮލީ ލިޔުންތަކެއް އަޅާފައި ހުރި އޭފޯރ ސައިޒުގެ ސިޓީއުރައެކެވެ.

"ދަރިފުޅުމެން ކަންބޮޑު ނުވޭ! މިގެއާއި ވިޔަފާރި އާއި މުދަލަކީ ހަމައެކަނި ދަރިފުޅުމެންގެ އެއްޗެތި. އެއީ ދަރިފުޅުމެންގެ މަންމަގެ މުދާ. މިއަދަށް ފަހުދެން މިގެއަކު ބައްޕައެއް ނުހުންނާނެ. ކުންފުނީގެ އެންމެ އިސްވެރިއެއްގެ ގޮތުން ދެން ކުންފުނީގެ ހުރިހާ ކަމެއް ބަލަހައްޓާނީ ދަރިފުޅު ނިޝާމް" ނިޝާމް އެސިޓީ އުރައިގައި ނުހިފުމުން ސިޓީ އުރަ ސޯފާސެޓުގެ މޭޒު މަތީގައި ބާއްވާފައި ހިނގައިގަންނަމުން ޝަފީޤު ބުންޏެވެ.

ނިޝާމްވެސް އަދި ނިޝާމާ އާއި ނަޝްމާވެސް ހީކުރީ ބައްޕަ ޖަލަށް ލާފާނެހެން ހީވާތީ، ވިޔަފާރި އާއި މުދަލުން އަތްދިއްކޮށްލީ ކަމަށެވެ. އެހެންވެ އެކަކުވެސް އެކައްޗެކޭވެސް ނުބުންޏެވެ. ޝަފީޤު ގެއިން ނުކުންނަށް ފެށުމުން ރޮއިގެންފައި ސީމާއަށް ބައްޕާއޭ ގޮވާލެވުމުން ޝަފީޤު އެނބުރި ފަސްބަލާލާފައި ކުޑަކޮށް މަޑުވެސް ކޮށްލިއެވެ. އެކަމަކު ފުލުސްމީހާގެ އިޝާރާތަށް އަނެއްކާވެސް ޝަފީޤު ހިނގައިގަތީ ބޭރަށެވެ.

ކާފާ އަދި މިއޮތީ އެއްޗެކޭ!ގޮވަމުން ޝަފީޤުގެ އޮފީސް ކޮޓަރިން ޝާވިން ނުކުތް އިރު، ބޭރު ދޮރު ލައްޕާފައި، އެމީހުން ނުކުމެއްޖެއެވެ.

ޝާވިން ހިފައިގެން ނުކުތް ގަނޑު އޭނާ ގެނެސްދިނީ ސީމާއަތަށެވެ. ސީމާ އެގަނޑަށް ބަލާލިއެވެ. އެއާއިއެކު އޭނާއަށް ގިސްލެވުނެވެ. ހައްވަ އޭނާގާތުގައި ދެއްކި ހުރިހާ ވާހަކައެއްގެވެސް ސާފު ސީދާ ހެކިލޮލަށް ފެނުނީމައެވެ. ހައްވަގެ ކެތްތެރިކަން އިހްސާސްވީމައެވެ.

ސީމާ އެގަނޑު ދިއްކޮށްލީ ސޯފާގައި އިން ނިޝާމް އަށެވެ. އެއަށް ބަލާލާފައި އޭނާވެސް ހުއްޓުން އަރައިފިއެވެ. ނިޝާމާ އާއި ނަޝްމާވެސް އެލިޔުމަށް ބަލާލުމަށްފަހު އަނގަމަތީގައި އެޅީ އަތެވެ. ލިބުނު ހައިރާން ކަމުންނެވެ.

އެއީ ހައްވަ އާއި ޝަފީޤު މީގެ 35 އަހަރު ކުރިން ކުރި އެމީހުންގެ އަލަތު ކައިވެނީގެ ސެޓްފިކެޓެއްގެ ގޮތުގައި އޭރުގެ ކޯޓު ނަމްބަރު 4 ން ދީފައިވާ ސެޓްފިކެޓެވެ. އެހެން ކަމަށް ވާނަމަ، އެކުދީންގެ މަންމަ ޝީރީން އާއި ޝަފީޤުގެ ކައިވެންޏަށްވުރެ ދެއަހަހަރު ކުރިން   ހައްވަ އާއި ޝަފީޤުގެ ކައިވެނި ވަނީ ކުރެވިފައެވެ.

ނިޝާމް އަވަސް އަވަހަށް ސިޓީއުރަ ކަނޑާ ބަލާލިއެވެ. އޭގަގައި ހުރީ ގޭގެ ރަޖިސްޓްރީ އާއި ވިޔަފާރި ތަކާއި އުޅަނދު ތަކުގެ ރަޖިސްޓްރީއެވެ. އެހުރިހާ އެއްޗެއް ވަނީ އެތިންބެއިންނަށް ހިބަފަތް ލިޔެދީ ރަޖިސްޓްރީކޮށްފައެވެ. މަންމަގެ ހުރިނަމަ ހުރި މުދަލަކާއި ބިމާއި ބައްޕަގެ މިލްކިއްޔާތުގައިވާ ހުރިހާއެއްޗެކެވެ. އޭގެ އިތުރަށް އެސިޓީގައި ކުރު އެހެނަސް އަސަރުގަދަ ސިޓީއެކެވެ. އެސިޓީގައި ބައްޕަ ލިޔެފައިވެއެވެ.

ލޯބިވާ ދަރީންނޭވެ. ދިރިއުޅުމަށް ކޮންމެ މީހަކުވެސް ފޮނި ހުވަފެންތަކެއް ދެކޭނެއެވެ. އުންމީދުތަކެއްވެސް ކުރާނެއެވެ. އެކަމަކު އެކި މީހުންނާއި ނަސީބު އެހީވަނީ އެކިފަހަރު އެކި ގޮތަށެވެ. ހައްވައަކީ ބައްޕަ އެމީހަކު ދެކެ އެންމެ ލޯބިވާ މީހާއެވެ. ބައްޕަގެ އަލަތު އަނބިމީހާއެވެ. އެދުވަހުވެސް އަދި މިއަދުގައިވެސް މެއެވެ.

ލޯބިވާ ދަރީންނޭވެ. ދަރިފުޅުމެންގެ މަންމަ އާއި ބައްޕަ ކައިވެނި ކުރީ، އެއީ އާއިލާއިން ހަމަޖެއްސި ކައިވެންޏަކަށްވެގެން އެނޫން ގޮތެއް ނެތި މަޖުބޫރު ވެގެންނެވެ. ތިޔަކުދިންގެ ކާފަގެ އިއްޒަތް ވެއްޔާ މޮޑެ ނުލާންވެގެންނެވެ. އެކަމަކު ތިކުދިންގެ މަންމަ އަކީ ބައްޕަ އެއްގޮތަކަށްވެސް ހިތް އެދުނު ބައިވެރިއެއް ނޫނެވެ. އަދި ތިންދަރީން ލިބިފައި ތިބުމަކީ ބައްޕައަށް މަންމަގެ ފުށުން އުފަލާއި ހިތްހަމަޖެހުން ލިބުނު ކަމުގެ ދަލީލެއްވެސް ނޫނެވެ. ފާއިތުވެ ދިޔަ ތިރީހަކަށް އަހަރަކީ ނުތަވަސް ކަމާއި ހިތްދަތި ކަމުގެ އަހަރުތަކެކެވެ. ދަރިފުޅުމެން ކުޑައިރު ބައްޕަ ދަރިފުޅުމެންގެ މަންމަ ވަރިކޮށްލާފައި ނުދިޔައީ ދަރިފުޅުމެންގެ ހައްޤުގައެވެ. ދަރިފުޅުމެން ކުދީން ނިކަމެތިވެދާނެ ވަރަށް ޓަކައެވެ. މަންމަގެ އަޅާލުން ކުޑަކަމާއި ދަރިފުޅުމެން ތުއްތު އިރުވެސް ދަރިފުޅުމެންގެ ކަންތައް ކޮށްދިނުމުގައި މާބޮޑު ސަމާލުކަމެއް ނުދޭތީ ދަރިފުޅުމެންނަށް ފެންވަރުވައި ކާންދީ ނިންދަވައި ހަދަނީ ގިނަ ފަހަރަށް ބައްޕަގެ ދެއަތުންނެވެ. ބައްޕަގެ ވިޔަފާރި ފުޅާވެ މަސައްކަތުގައި އޮފީހުގައި އުޅެން ޖެހޭ ވަގުތު ގިނަ ކަމުން ދަރިފުޅުމެންގެ ދޮންމަންމަ ހައްވަ ގެއަށް ގެންނަން ބައްޕައަށް މަޖުބޫރު ވީއެވެ. އެވެސް ގޭގައި ގެންގުޅޭ މީހެއްގެ ގޮތުގައެވެ.

އޭނާގެ މުޅި ދިރިއުޅުން އެހޭދަކުރީ ބައްޕައަށްޓަކައެވެ. ބައްޕަގެ ފުރަތަމަ އަނބިމީހާއަށް ވީނަމަވެސް އޭނާގެ ހަޔާތް ވޭތުކުރީ އޭނާގެ ދޮންދަރީން ބަލައިބޮޑު ކުރުމުގައެވެ. ދަރިފުޅުމެންނަށް ނޭނގުނަސް އޭނާ ދުށީ ދަރިފުޅުމެންނަކީ އޭނާގެ އުފަންދަރީން ކަމަށެވެ. މިކައިވެންޏަށް ދަރިއަކު ނުހޯދީވެސް ތިޔަކުދީންގެ ހައްޤުގައެވެ. ބަދަލުގައި އޭނާ ތިޔަކުދީންގެ ކިބައިން އެކައްޗެއްވެސް ބޭނުމެއް ނުވެއެވެ. ބައްޕަގެ ކިބައިން އެންމެ ކަމެއް ފިޔަވައެވެ. އެއީ ދުވަހަކުވެސް އޭނާ ވަރިކޮށް ދޫކޮށް ނުލުމެވެ. ކޮންމެ ހާލެއްގައިވެސް ބައްޕަގެ އަނތްބެއްގެ ގޮތުގައި އިނުމެވެ.

މީގެ އެތައް އަހަރެއް ކުރީއްސުރެ ތިޔަކުދީންގެ ދޮންމަންމަ އާއި ބައްޕަ ބައްދަލު ކުރަމުން އައީ ގެސްޓް ހައުސްތަކުގައެވެ. އެނޫން ގޮތެއް ނެތީމައެވެ. ދަރިފުޅުމެން ބޮޑެތިވެ ދަރީންނަށް ދަރީން ލިބުނު ފަހުން ބައްޕަ އާއި ހައްވަގެ ގުޅުމެއް އޮންނަ ކަމަށް ތިޔަކުދީންގެ މަންމައަށް ކިރިޔާ ޝައްކެއްވެގެން ހައްވަ 30 އަހަރުން ފަހުން މިގޭން ނެރެ ފޮނުވާލިގޮތް އަދި ތިޔަކުދީންނާއި މަންމަވެސް ކީއެއްޗެހި ތިޔަކުދިންގެ ހަނދާނުގައި ހުންނާނެއެވެ.

ބައްޕަމެން ގެސްޓްހައުސްގައި ތިއްބައި ފުލުހުން އައިސް ވަނީ ބަޔަކު ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. މަޝްހޫރު ވިޔަފާރިވެރިއަކަށްވާތީ، ނޫސްވެރިން އެވާހަކަ ނޫސްތަކުގައި ޖަހާލީއެވެ. އެކަން ރިޕޯޓް ކުރި މީހުންނަކީ ބައްޕަގެ ވިޔަފާރި އާއި މެދު ހަސަދަވެރިވެ ބައްޕައަށް ބޮނޑިއެއް ދެވޭނެ ގޮތެއް ހޯދައި ހޯދައި ތިބި މީހުންނެވެ. އެމީހުންނަކަށްވެސް އަދި ދުނިޔެއަކަށް ވެސް ހައްވައަކީ ބައްޕަގެ ހަލާލު އަލަތު އަނބިމީހާ ކަމެއް ނޭނގޭނެއެވެ. އެހެން ކަމުން ގެއަށް މިއައީ ފުލުހުންނަށް ކައިވެނީގެ ސެޓްފިކެޓް ދައްކަންވެގެން އެބަލައެވެ. އޭރުން އެމީހުން ބައްޕަ ދޫކޮށްލާނެއެވެ. އަދި މައާފަށްވެސް އެދޭނެއެވެ.

އެހެނެއް ކަމަކު، އެއިން ކަމަކުން ބައްޕަގެ އަބުރުގައި މިޖެހުނު ލައްގަނޑު މުޅިއަކުން ފިލައިގެނެއް ނުދާނެއެވެ. ހިތާމަތަކެއް ލުޔެއް ނުވާނެއެވެ. ދަރިފުޅުމެންގެ މަންމަ އާއި އެކު އުމުރު ހޭދަކޮށްލުމަކީ ތިޔަކުދީންގެ ކާފައަށް ބައްޕަވީ ވައުދެކެވެ. އަދި ކޮންމެވެސް އެއްދުވަހަކުން ތިޔަކުދީންގެ ދޮންމަންމައާއި އެކު ދޮންމަންމަގެ ރަށަށް ގޮސް ދިރިއުޅުމަކީވެސް ބައްޕަ ވެފައި ވައުދެކެވެ. އެހެންކަމުން ތިޔަކުދީންގެ މަންމަގެ މުޅިއުމުރު ހުސްވަންދެން މަންމައާއިއެކު  ދިރިއުޅުނު ފަދައިން ދެން ދޮންމަންމައަށް ވީ ވަޢުދު ފުރިހަމަކޮށް ދިނުމަށް ދިރިއުޅުން މިބަދަލުކުރަނީ އެރަށަށެވެ. ދަރިފުޅުމެންނަށްޓަކައި ބައްޕަގެ ހިތުގައި ޝަކުވާއެއް ނެތެވެ. އެހެނީ ދަރީން މައިންބަފައިންދެކެ ވާ ލޯތްބަށްވުރެ މައިންބަފައިން ދަރީންދެކެވާ ލޯބި ބޮޑުވާނެތީއެވެ.

އެދުވަހަށް ފަހުގައި ޝަފީޤު އާއި ހައްވަ ދިރިއުޅެމުން ދިޔައީ ހައްވަގެ އުފަންރަށް ހއ ހަތިފުށީގައެވެ. ޝަފީޤުގެ ކުދިން ދިރިއުޅެމުން ދިޔައީ މާލޭގައި ތަނަވަސްކަމާއި އަރާމާއި ނިޢުމަތުގައެވެ. ހަޤީޤަތް އެނގުމުން އެކުދީންނަކަށް ބައްޕަޔާއި ކުރިމަތިލައި ވާހަކަ ދައްކާކަށް ނުކެރުނެވެ. އަދި ހައްވަ އާއިވެސް ވާހަކަ ދައްކާކަށް ނުކެރުނެވެ. އެމީހުންނަށް ކަންތައް ކުރެވުނު ގޮތުންނާއި ގޮވުނު އެއްޗެހީގެ ސަބަބުންނެވެ.


ނިމުނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް