ހުކުރު ދުވަހު އިދިކޮޅުން ބާއްވަން ރާވަމުން އަންނަ "ނޭވާހޮޅިއަށް" އެއްވުމުގައި ގޭންގުތައް ބޭނުންކުރުމަށް ރާވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މި އެއްވުމާއި ގުޅޭގޮތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ މާރިޗް 25 ވާ ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް، މާލޭގެ މަގުތަކާއި، ޕާޓީ އޮފީސް ސަރަޙައްދާއި، ކާނިވާ ސަރަޙައްދާއި، ރަސްފަންނު ސަރަޙައްދާއި، ބޮޑުތަކުރުފާނު މަގާއި، މާލޭ ދެކުނުފަރާތު އުސްފަސްގަނޑު ސަރަހައްދުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭއްވުމަށް ރާވާފައިވާ އެއްވުމަކީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމާއި މިފަދަ އެއްވުމުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުޞަތު ބޮޑުވުމުގެ ސަބަބުން، މިއެއްވުން ނުބޭއްވުމަށް މިޚިދުމަތުން އެޕާޓީއަށް ވާނީ އަންގާފައި ކަމަށެވެ.
"މިޚިދުމަތަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، މި އެއްވުމުގައި ބައިވެރިވުމަށް، ރަށްރަށުން މީހުން ގެންނަގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ގިނަ ޢަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކް ކޮށް ރައްޔިތުންނާއި ޢާންމު ދަތުރު ފަތުރާއި ޚިދުމަތް ހުރަސްއެޅޭގޮތަށް ކަންތައްތައް ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަޙައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ދަނީ ރާވަމުންނެވެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި އެއްވުމަކީ، ޞުލްޙަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމަކަށް ނުވާތީ، މިއެއްވުން ނުބޭއްވުމަށް މިޚިދުމަތުން އެޕާޓީއަށް އެންގުމާއެކު، މިއެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް އިލްތިމާސް ކުރާކަމަށާއި އަދި ޤާނޫނާ ޚިލާފަށް އެއްވުން ބޭއްވުމަށް ފުރުޞަތު ނުދޭނެކަމަށާއި، މިއެއްވުމުގައި ބައިވެރިވެ، ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުވާކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި، އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެވާހަކަ ދަންނަވާކަމަށެވެ.
މީގެ އިތުރުން ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭންޖެހޭ ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދޭނެކަމަށާއި އަދި އެފަދަ އެއްވުންތައް އޮންނަ ސަރަހައްދެއްގެ މަގުތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމް ފުލުހުން ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް