ޕީއައިއެލްސީގެ ފަރާތުން ކުޑަހުވަދޫގައި ހާއްސަ ޕްރޮގުރާމެއް ބާއްވަނީ

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ (ޕީއައިއެލްސީ) ފަރާތުން  ރަށްރަށުގައި ދިރިއުޅުއްވާ ފަރާތްތަކަށް ހާއްސަކޮށްގެން މޮބައިލް ލީގަލް އެއިޑް ކްލިނިކްގެ ނަމުގައި  ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން މިހ...

23 Mar 2022 | 09:10

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ (ޕީއައިއެލްސީ) ފަރާތުން  ރަށްރަށުގައި ދިރިއުޅުއްވާ ފަރާތްތަކަށް ހާއްސަކޮށްގެން މޮބައިލް ލީގަލް އެއިޑް ކްލިނިކްގެ ނަމުގައި  ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން މިހިނގާ މާރޗް މަހުގެ 25 އަދި 26 ވަނަ ދުވަހު ބާއްވާ ކްލިނިކް ޕްރޮގުރާމް ދ.ކުޑަހުވަދޫގައި  ބޭއްވުމަށް  ނިންމައިފިއެވެ.

ޕީއއައިއެލްސީން ބުނީ މިޕްރޮގްރާމްގައި ހިލޭ ސާބަހަށް ޤާނޫނީ ލަފާ ދިނުމާއި އަދި ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ދާނެކަމަށެވެ. އެގޮތުން 25 މާރޗް  2022  ވާ ހުކުރު ދުވަހު ހަވީރު  16:00  އިން  18:00އަށް  ކޯޓުތަކަށް މައްސަލަ ހުށަހަޅާނެ ގޮތާއި ޤާނޫނުތައް ހޯދައި ހައްޤުތައް  ލިބިގަންނާނެ ގޮތުގެ ސެޝަންއެއް  އަދި ހަމަ އެރޭ  20:00އިން  22:00  އަށް ގެވެށި އަނިޔާ   ދެނެގަތުމާއި އަނިޔާއިން ރައްކާތެރިވުމާބެހޭ ސެޝަންއެއް  ދ.އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެކަމަށް ޕީއައިއެލްސީން ބުނެއެވެ. އަދި  26  މާރޗް  2022ވާ ހޮނިހިރު ދުވަހު ހިލޭ ސާބަހަށް ޤާނޫނީ ލަފާދޭ ކޭމްޕް  ހެނދުނު  10:00  އިން  14:00  އަށް ބޮޑާވަށް މައިޒާން  ސަރަހައްދުގައި އޮންނާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން އެއްވެސް އަގެއް ނުނަގާ ގޮތަށް ހިލޭ ސާބަހަށް ކުރިއަށް ގެންދާ މިކްލިނިކްއަށް  އައިސް  މަދަނީ މައްސަލަތަކާ (ފައިސާއާ ގުޅޭ ،ވަޒީފާއާ ގުޅޭ، އާއިލާއާ ގުޅޭ އަދި މިނޫންވެސް މިފަދަ މައްސަލަތައް)  ގުޅިގެން ހިލޭ ޤާނޫނީ ލަފާ ހޯއްދެވުމުގެ ފުރުސަތު ދިވެހިންނަށާއި އަދި ބިދޭސީ ފަރާތްތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.  އަދި މީގެ އިތުރުން   އިޖުތިމާއީ އެހީ ހޯދުމަށް ފޯމުފުރައިދިނުމުގެ ޚިދުމަތްވެސް މިކްލިނިކްގައި ދެވޭނެއެވެ.

މި ލީގަލް އެއިޑް ކްލިނިކް ބޭއްވުމުގެ  މަޤްސަދަކީ  ރަށްރަށުގައި ދިރިއުޅުއްވާ ފަރާތްތަކަށް  އަދުލުއިންސާފަށް ވާސިލްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އާންމު ރައްޔިތުންގެ މެދުގައި ޤާނޫނުތަކަށް ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުން ބާރުވެރިކުރުވުމެވެ. މިގޮތުން   2019ވަނަ އަހަރުން ފެށިގެން  ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން  ކުރިއަށް ގެންދާ މިކޭމްޕްގައި  ސ، ބ، ހއ، ހދ، ގދ، ލ އަދި ޅ އަތޮޅަށްވެސް ޒިޔާރަތްކޮށް ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ވަނީ ހިންގާފައެވެ.

ޕަބްލިކް  އިންޓްރެސްޓް  ލޯ  ސެންޓަރަކީ  މުޖްތަމަޢުގެ  ޢާންމު  މަޞްލަޙަތަށް  ގެއްލުންވާ  ކަންކަމަށް  ޙައްލު  ހޯދުމަށް  ކުރަންޖެހޭ މަސައްކަތްކުރުމާއި،  އިންސާނީ  ޙައްޤުތަކަށް  ގެއްލުން  ލިބޭ  ކަންކަން  ދެނެގަނެ  އެކަންކަމާ  ގުޅޭގޮތުން  ޙައްލުހޯދުމަށް މަސައްކަތްކުރުމާއި،  މާލީގޮތުން ތަނަވަސްކަން ނެތުމުގެ ސަބަބުން ނުވަތަ އެނޫނަސް އެކި ސަބަބުތަކާ ގުޅިގެން ޤާނޫނީ އެހީތެރިކަން ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް ޤާނޫނީ  އެހީތެރިކަން ފޯރުކޮށްދިނުމާއި،  ޤާނޫނީ ކަންކަމާއި މުޖުތަމަޢުގެ ޢާންމުންގެ މަޞްލަޙަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމާއި،  ޢަމަލުކުރަމުންދާ ޤާނޫނުތައް މުރާޖަޢާކޮށް ޤާނޫނީ ނިޒާމުގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް މަސައްކަތްކުރުމަށްޓަކައި ޤާނޫނީ ވަކީލުންނާއި ޤާނޫނު ކިޔަވާ ދަރިވަރުންގެ ބަޔަކު އުފައްދާ ހިންގަމުންދާ ޖަމްޢިއްޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް