ބީއެމްއެލްގެ ހައުސިންގ ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ހައުސިންގ ގްރާންޓް އަށް ހުށަހެޅުމުގެ މުއްދަތު މި މަ...

23 Mar 2022 | 08:45

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި ހައުސިންގ ގްރާންޓް އަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެހީއަށް ބޭނުންވެފައިވާ އާއިލާތައް ނޮމިނޭޓްކޮށް މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ.

ބީއެމްއެލްގެ ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅެމުންދާ ގެ އިމާރާތްކޮށް ފަރުނީޗަރު ހިމެނޭހެން ހަރަދުތައް ހަމަޖައްސައިދޭނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ " ހައުސިންގ ގްރާންޓް މެދުވެރިކޮށް ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

އަދި އުއްމީދަކީ ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން މިފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮބަދަލެއް ގެނައުމުގައި ބައިވެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން 31 މާރިޗު 2022 ރޭގަނޑު 12:00ގެ ކުރިން [email protected]

އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް ބޭންކު އޮފް މޯލްޑިވްސް އިން ހާމަކުރެއެވެ.

މީގެ އިތުރުން ހައުސިންގ ގްރާންޓާއި ބެހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/housing-grantއިން ލިބޭނެއެވެ.

ހައުސިންގ ގްރާންޓަކީ މިއަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް