އިދިކޮޅުގެ "ނޭވާހޮޅިއަށް" ހަރަކާތް ނުބޭއްވޭނެ ކަމަށް ފުލުހުން އަންގައިިފި

އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީން އިންތިޒާމުކޮށްގެން "ނޭވާހޮޅިއަށް" މި ނަމުގައި ހުކުރު ދުވަހު ކުރިއަށްގެންދަން ނިންމާފައިވާ އިންޑިއާ އައުޓް ހަރަކާތް ނުބޭއްވޭނެ ކަމަށް ފުލުހުން ރަސްމީކޮށް އަން...

23 Mar 2022 | 08:16

އިދިކޮޅު ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީން އިންތިޒާމުކޮށްގެން "ނޭވާހޮޅިއަށް" މި ނަމުގައި ހުކުރު ދުވަހު ކުރިއަށްގެންދަން ނިންމާފައިވާ އިންޑިއާ އައުޓް ހަރަކާތް ނުބޭއްވޭނެ ކަމަށް ފުލުހުން ރަސްމީކޮށް އަންގައިފިއެވެ.

މި ހަރަކާތް ނުބޭއްވޭނެ ކަން ފުލުހުން ހާމަކޮށްފައި ވަނީ  އެ ހަރަކާތް އިންތިޒާމު ކުރާ ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ ބޭފުޅުންނާ މިއަދު އިސްކަންދަރުކޮށީގައި ބައްދަލުކުރެއްވުމަށްފަހުއެވެ.

މިބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވީ ހުކުރު ދުވަހު ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އެންގީ އެ ހަރަކާތް އިންތިޒާމު ކުރާ ފަރާތްތަކަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަށްފަހު ކަމަށެވެ.

އެގޮތުން ޝާހިދު ވިދާޅުވީ ހުކުރު ދުވަހުގެ ހަރަކާތަކީ ހަމަނުޖެހުމަށް ހިންގުމަށް ރާވާފައިވާ ހަރަކާތެއް ނޫން ކަމަށާ އެ ހަރަކާތް ކުރިއަށް ގެންދާނީ ގާނޫނުއަސާސީއާ ގާނޫނުތަކުން ލިބޭ ހައްގުތަކުގެ ތެރެއިން ކަމަށްވެސް ފުލުހުންނަށް ދެންނެވި ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ދައުރު ގާނޫނުގައި ވަރަށް ގިނަ ޒިންމާތަކަކާ އެކު އޮތް އިރު، ހަރަކާތެއް ނުހިންގައި ބަލަން ތިބުމަކީ ސިޔާސީ ޕާޓީގެ ދައުރެއް ނޫންކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އިދިކޮޅުގެ ހަރަކާތް އޮންނާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވާތީ ހުކުރު ދުވަހަށް އިންތިޒާމުކޮށްފައިވާ ހަރަކާތް ރާވާފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ.

އިދިކޮޅު ކޯލުޝަނުން ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ނޭވާ ހޮޅިއަށް އެއްވުމުގައި 4،000 ގާތްކުރާ އަދަދަށް މީހުން ބައިވެރިވާނެކަމަށް އެ ކޯލިޝަނުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް