ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މަހިބަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ފައިސަލްއާ ވަނީ ހިއްސާކުރައްވަފައެވެ.
މިގޮތުން، އެބޭފުޅުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ރަށުގެ ބިން ފުރިފައިވުމުގެ ސަބަބުން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްޗަށެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ރަށުގެ ނުހެދި ހުރި މަގުތައް ހެދުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނުނު ނަމަވެސް ނުފެށި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ކުނި މެނޭޖްކުރުމުގެ ދަތިތަކާއި، ރަށުގައި ދަނާލެއް ހުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ފައިސަލާ މަޝްވަރާކުރައްވާފައެވެ.
އަދި ގިނަ މައްސަލަތައް ގުޅިފައިވަނީ ބިމުގެ ދަތިތަކާއި ކަމަށް ވުމުން ބިން ހިއްކުމަށް ރަށު ރައްޔިތުން އެދޭކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ފައިސަލް ވަނީ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ ވާހަކަ ދައކަވައިގެން އެދެވޭ ޙައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް