އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ހަމަޖެހިފައިވާ "އިންޑިއާ އައުޓް" ކެމްޕޭންގެ ބޮޑު ހަރަކާތް ހުއްޓުވަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މިއަދު މަޖިލީހުން ބަލައިގަތީ 30 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް ދެ މެމްބަރަކު ވޯޓު ދެއްވި އެވެ.
މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނަވަންކަމުގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން އިންޑިއާގެ އާންމު ރައްޔިތުންނާއި ދިވެހި އާންމު ރައްޔިތުންނާއި ދެމެދު ނުތަނަވަސް ކަން އުފެދުމުގެ ކުރިއަށް މި ހަރަކާތް ހުއްޓުވަން ޖެހޭނެކަމަށެވެ.
ޖާބިރުވަނީ އެހެންކަމުން ސަލާމަތީ ބާރުތަކާއެކު އަވަސް މަޝްވަރަާއަކަށް ފަހު ރަށްރަށުން މާލެއަށް މީހުން ގެނެސްގެން އަންނަ ހުކުރު ދުވަހު ބާއްވަން އުޅޭ ބޮޑު ހަރަކާތް ހުއްޓުވަން ގޮވާލާފަ އެވެ.
ހުކުރު ދުވަހު ބާއްވާ ބޮޑު ހަރަކާތް ނުބޭއްވޭނެ ކަމަަށް އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީ ބުނީ އެފަދަ އެންގުމެއް އަންގާފައި ނުވާ ކަމަށާއި އެއްވުން ކުރިއަށް ގެންދާނެ ކަމަށެވެ.
އަންނަ ހުކުރު ދުވަހު "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިން "ނޭވާ ހޮޅިއަށް" ޝިއާރުގައި ބޮޑު ހަރަކާތެއް ބާއްވަން ޕީޕީއެމް ޕީއެންސީން ވަނީ ނިންމައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް