މި އަހަރުގެ ރޯދަމަހުގެ ރޯދަ އިނާޔަތް އަންނަ ހޯމަ ދުވަހު ދޭން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މި އަހަރު ވެސް ރޯދަ އެލަވެންސްގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000 ރުފިޔާ ދޭން ޖެހޭނެކަން ހަނދާންކޮށްދޭ ކަމަށެވެ. އެއް ވަޒީފާއަށް ވުރެ ގިނައިން ވަޒީފާ އަދާކުރާ ނަމަ އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަނި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ގާނޫނަށް ގެނެސްފައިވާ އިސްލާހާއި އެއްގޮތަށް ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ރޯދަ މަހު ޕޭ ލީވްގަ އާއި ނޯޕޭގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވެންސް ދޭކަށް ނުޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޗުއްޓީ ނިންމާފައި ރޯދަ މަހު ވަޒީފާއަށް ނުކުންނަށް ފަށައިފި ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދު ބަލައި އެލަވެންސްގެ ގޮތުގައި ދޭން ޖެހޭނީ އެ އަދަދު ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ރޯދަ މަހު ވަޒީފާއިން މުވައްޒަފަކު ވަކިވާ ނަމަ އެ މުވައްޒަފަކު ވަކިވާ ތާރީހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދެއް ބަލައި އެ ފައިސާ އަނބުރާ ހޯދަން ވެސް ސަރުކާރުގެ އޮފީސްތަކަށް ފިނޭންސުން ވަނީ އަންގައިފަ އެވެ.
ފިނޭންސުން ބުނީ ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކުރާ އޮފީސްތަކުން މާދަމާ ރޯދަ އިނާޔަތުގެ ވައުޗަރުތައް ޕޯސްޓް ކުރަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް