މަލީހް މިނިސްޓަރުކަމުގައި އޮފީސް މަރާމާތަށް 79 ހާހައްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް

މުހައްމަދު މަލީހް ޖަމާލް ކުރީގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރަކަށް ހުންނެވިއިރު އެނާގެ އޮފީސް މަރާމާތަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށް ...

23 Mar 2022 | 05:34

މުހައްމަދު މަލީހް ޖަމާލް ކުރީގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރަކަށް ހުންނެވިއިރު އެނާގެ އޮފީސް މަރާމާތަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

2019 ވަނަ އަހަރުގެ ކޮމިޔުނިކޭޝަން މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ގައި ބުނެފައި ވަނީ މިނިސްޓްރީ ހިންގާ އިމާރާތުގެ ބީ ބްލޮކް މަރާމާތުކުރުމަށް 795،000 ރުފިޔާއަށް ހަމަ އެއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އަމިއްލަ ފަރާތަކާއި ހަވާލުކޮށް، އެމަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މިނިސްޓަރުގެ ކޮޓަރިކޮޅުގެ އިންޓީރިއަރ ޑިޒައިނެއް ތައްޔާރުކޮށް އެ ޑިޒައިނާއި އެއްގޮތަށް ބީ ބްލޮކް މަރާމާތުކުރުމަށް އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 25 ދުވަސްތެރޭ މަސައްކަތް ނިންމަންޖެހޭނެކަމަށް އެއްބަސްވުމުގައިވެއެވެ. މިމުއްދަތު ހަމަވާ ތާރީޚަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ދިހަ ވަނަ ދުވަހަށެވެ.

ނަމަވެސް އެއްބަސްވުމުގައިވާ ތާރީޚަށް މަސައްކަތް ނިމިފައިނުވާއިރު މުއްދަތު އިތުރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތުން އެދިފައިވާކަން އެނގެން ނެތްކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. މަސައްކަތް ނިމިފައިވަނީ 5 އޮކްޓޯބަރ 2020 ގައިކަން އޮޑިޓް ރިޕޯޓްގައި ލިޔެކިޔުންތަކުން އެނގެން ހުރިއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި އެގްރިމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތް ލަސްވަމުންދާނަމަ އެލަސްވާ ލަސްވުން އެކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުމުގެ އަގު ނުވަތަ ލިކުއިޑޭޓެޑް ޑެމޭޖަސް އެކަމެއް ހަވާލުވި ފަރާތުން ދޭންޖެހޭނެކަން ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. އަދި ލަސްވުމުގެ އަގަށް ދޭންޖެހޭވަރު މުޅި ކޮންޓްރެކްޓްގެ އަގުގެ 15 އިންސައްތައަށްވުރެ ބޮޑުވެގެން ނުވާނެކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

މިމަސައްކަތްކުރުމަށް ހަދާފައިވާ އެއްބަސްވުމުގައިވެސް އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި މަސައްކަތް ނުނިމި ލަސްވަމުންދާނަމަ މަސައްކަތް ނުނިމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު މަސައްކަތްކުރާ ފަރާތުން މަސައްކަތުގެ ވެރިފަރާތަށް ދައްކަންވާނެކަމަށް ބަޔާންކޮށްފައިވާކަން ވެސް އޮޑިޓަރ ޖެނެރަލް ފާހަގަ ކުރެއްވެވިއެވެ.

އެހެންނަމަވެސް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިމިފައިނުވާއިރު މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތަށް ލަސްވުމުގެ އަގަށްވާ ޖުމްލަ 119،250 ރުފިޔާ އުނިކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. މީގެއިތުރުން މިމައްސަލަ 10 ސެޕްޓެމްބަރ 2020 ވަނަ ދުވަހު އޮޑިޓަރުން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން މިނިސްޓްރީން ވަނީ ލިކިއުޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 9834 ރުފިޔާ އުނިކޮށްފައެވެ. ނަމަވެސް މިއަދަދަކީ ލިކުއެޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ހަގީގަތުގައި ދައްކަންޖެހޭ އަދަދު ނޫންކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވަނީ ކުރުވާ މަސައްކަތާއި ހޯދާ ޚިދުމަތުގެ ޖުމްލަ އަގު 250،000 ރުފިޔާއަށްވުރެ ބޮޑުނަމަ ހުށަހަޅާ ކޮންމެ ބިލަކުން ބިލުގެ ޖުމްލަ އަގުގެ 5 އިންސައްތަ ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަންވާނެކަމަށެވެ. ނަމަވެސް މިމަސައްކަތާއި ގުޅިގެން ހުށަހަޅާފައިވާ ބިލްތަކަށް ފައިސާ ދައްކާފައިވާއިރު ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ރިޓެންޝަން ފައިސާ އުނިކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އިތުރަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން މިނިސްޓަރުގެ ކޮޓަރިކޮޅު މަރާމާތުކުރުމުގެ މަސައްކަތް ހިނގަމުންދަނިކޮށް އެމަސައްކަތުގެ ސްކޯޕްގެ ތެރޭގައި ނުހިމެނޭ އިތުރު މަސައްކަތެއް އިއުލާނުނުކޮށް ހަމަ އެފަރާތާއި ހަވާލުކޮށްފައިވާ ކަމަށާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ ފުރަތަމަ މަސައްކަތުގެ މުއްދަތު ހަމަވިފަހުންކަމަށެވެ.

އެހެންކަމުން އިތުރު މަސައްކަތުގެ ގޮތުގައި މިނިސްޓަރުގެ ކޮޓަރިކޮޅުގައި ހުރިގޮތަށް ވޯކްވޭ ދެފަރާތުގައި ގުރޫ ކަނޑާ ފިލާޖެހުމުގެ މަސައްކަތް ޖުމްލަ 103،880 ރުފިޔާ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތަށް އާންމުކޮށް އިއުލާންނުކޮށްކަމުގައި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް