ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އާއިމެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތަކާމެދު ވިސްނަމުން އަންނަކަމުގައި ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ބުނެފި އެވެ.
ޕީޕީއެމުން މިހެން ބުނެފައިވަނީ ރޭ ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ. އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު: 1586/Cv – C2016 (16 އޮކްޓޯބަރު 2016) ހުކުމާއި އެއްގޮތަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާ، އެ ބައްދަލުވުމުގެ އިއްތިފާގު ނިންމުމަކުން ޕީޕީއެމްގެ ހިންގުން ވަނީ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ހަވާލުކުރެވިފައި ކަމަށާއި އެހެންކަމުން، ޕީޕީއެމްގެ ނަމުގައި ހަރަކާތްތައް ހިންގުމާއި، ހަރަކާތްތަކުގައި ބައިވެރިވުމާއި، އެކި ފޯރަމްތަކުގައި ޕީޕީއެމް ތަމްސީލު ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ އެއްމެހާ ބާރުތައް ލިބިގެންވަނީ ޕާޓީގެ މުސްތަޝާރަށް ނުވަތަ އެމަނިކުފާނު ކަނޑައަޅުއްވާ ފަރާތަކަށް ކަމަށެވެ.
"ޕީޕީއެމް އިން ވަކިކޮށްފައިވާ އަހްމަދު ފާރިސް މައުމޫން ޕީޕީއެމްގެ ނަން ކިލަނބުވާގޮތަށް ޕީޕީއެމްގެ ނަމާއި ދިދަ އަދި ލޯގޯ ބޭނުންކޮށްގެން ހިންގާ އަމަލުތަކަކީ ޕާޓީގެ މެމްބަރުންގެ ހައްގުތަކަށް އަރައިގަތުމުގެ ގޮތުން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލުތަކެކެވެ. އަމުދުން މާތްވެގެންވާ އިސްލާމްދީނަށް ހަޖޫޖަހާ، މި ލޮބުވެތި ވަތަނަށް އެތައް ގެއްލުންތަކެއްދޭ، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބުކުރާ، އަދި ދިވެރހި ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި ކުލުނުވެރިކަން ކަނޑާލައި ހަމަނުޖެހުންތަކަށް އަބަދުމެ މަގުކޮށާ ބަޔަކާއެކު ދިވެހި އެއްވެސް ރައްޔިތަކު އެއްމޭޒަކަށް އަރަން ބޭނުން ނުވާނެކަން ކަށަވަރެވެ. ހަމަ އެހެންމެ، ޕީޕީއެމް އާއި ޕީޕީއެމްއަށް ލޯބިކުރާ އެއްވެސް ރައްޔިތަކު ދުވަހަކުވެސް ބޭނުމެއް ނުވާނެ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގެނެސްދެއްވާ ތަރައްގީއާއެކު ދިވެހި ރައްޔިތުންނަށް ލިބިދޭ ކުރިއެރުންތަކާމެދު ހަސަދަވެރިވިޔަސް އަދި ރައީސް ޔާމީންގެ ސަރުކާރުގެ ތެރެއިން ހާސިލްކުރަން ބޭނުންވި އަމިއްލަ މަސްލަހަތުތަކެއް ކާމިޔާބު ނިވިކަމުގައިވިޔަސް ދިވެހި ރައްޔިތުންނަށް ގެއްލުންދޭ އަދި ދިވެހި ގައުމުގެ އަގުވައްޓާލަން މަސައްކަތްކުރާ ބަޔަކާއި ބައިވެރިވުން، އެއީ ޕީޕީއެމްގެ ލޮބުވެތި މެމްބަރުންނާއި ޕީޕީއެމްއަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންނަށް ގަބޫލުކުރެއްވާނެ ކަމެއް ނޫނެވެ." އެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެފަދަ ނުބައި އަމަލުތައް ހިންގާ ފަރާތްތަކާއި ގުޅިގެން ޕީޕީއެމް ތަމްސީލުވާކަމަށް ދައްކަން އަހްމަދު ފާރިސް މައުމޫން ހިންގާ އަމަލުތައް އެއްމެ ހަރުކަށި އިބާރާތުން އެ ޕާޓީން ކުށްވެރި ކުރާ ކަމަށާއި އަދި މިޕާޓީގެ ލޮބުވެތި އެންމެހާ މެމްބަރުންނާއި ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންގެ ހައްގުގައި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތަކާމެދު މި ޕާޓީން ވިސްނަމުން ގެންދާކަން ވެސް މި ފުރުސަތުގައި ހާމަކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް