ކުއްތާތަށް ރާއްޖެ ގެނެވޭވަރު ވާނީ މާދަމާ ރޭ: ޕޮލިސް

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ހަލުވިކޮށް ފުޅާ ކުރުމުގެ ގޮތުން އެކުލަވާފައިވާ ޑޯގް ސްކޮޑު(ފާރަގެމަ)ގެ ބައެއް ކުއްތާތައް މިރޭ ރާއްޖެ ގެންނާނެ ކަމަށް ކުރިން ބުނި ނަމަވެސް...

23 Mar 2015 | 18:28

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ހަލުވިކޮށް ފުޅާ ކުރުމުގެ ގޮތުން އެކުލަވާފައިވާ ޑޯގް ސްކޮޑު(ފާރަގެމަ)ގެ ބައެއް ކުއްތާތައް މިރޭ ރާއްޖެ ގެންނާނެ ކަމަށް ކުރިން ބުނި ނަމަވެސް އެ ކުއްތާތަށް މާލެ ރާއްޖެ ގެނެވޭވަރު ވާނީ މާދަމާ ރޭ ކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ ކުއްތާތަށް އަރުވާފައިވާ ފްލައިޓް މިވަގުތު އޮތީ މެލޭޝިޔާގައި ކަމަށެވެ. އަދި އެ ކުއްތާތަށް ރާއްޖެ ގެނެވޭވަރު ވާނީ މާދަމާރޭ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާދަމާރޭގެ ވަގުތެއްގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ ފަސް ކުއްތާ ކަމަށެވެ. ފާރަގެމަ ސްކޮޑުގައި ހިމެނެނީ ޖުމްލަ 16 ކުއްތާ އެވެ. އެ ހުރިހާ ކުއްތާއެއް މިމަހުގެ 27 ގެ ކުރިން ގެންނާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މީގެ ކުރިން ހޯމް މިނިސްޓްރީން ބުނެފައިވަނީ ފާރަގެމަގެ ދަށުން ގެންނަ 16 ކުއްތާ މިމަހުގެ 20 ގެ ކުރިން ރާޢްޖެ ގެނެސް ނިމޭނެ ކަމަށެވެ.

ކުއްތާތަކަށް ހާއްސަކޮށްގެން ހުޅުލޭގައި ތައްޔާރުކޮށްފައިވާ ޑޯގު ކެނަލްގެ މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ. ކުއްތާތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ގެތަކުގައި ކޮންމެ ކުއްތާއަކަށް ހާއްސަކޮޓަރިއަކާއި ކޮންމެ ކޮޓަރިއެއްގައި ފަންކާއެއް ހަރުކޮށްފައި ހުއްޓެވެ. އަދި އޭގެ އިތުރުން ކުއްތާތައް ފެންވެރުމަށް ހާއްސަކޮށް ބާތުޓަބެއް ވަނީ ތައްޔާރުކޮށްފަ އެވެ.

ފުލުހުންގެ ތެރެއިން ކުއްތާތައް ބެލެހެއްޓުމަށް ހާއްސަކޮށް 28 ފުލުހަކު ތިބެ އެވެ. އަދި ކުއްތާ ބެލެހެއްޓުމުގެ ތަމްރީނު ލިބިފައިވާ ނެދަލޭންޑްގެ ދެ މީހަކު މިހާރު ވެސް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުނެ އެވެ.

އުފަންވިފަހުން ތިން މަސްވެފައިވާ 16 ކުއްތާ ރާއްޖެ ގެންނަނީ ނެދަލެންޑުންނެވެ. ހޯމް މިނިސްޓްރީން ބުނީ އަލަށް އުފަންވެފައިވާ ޅަ ކުއްތާ ތަކެއް ގެންނަނީ ރާއްޖޭގެ މާހައުލަށް ފެއްތުމަށް ފަސޭހަވާނެތީ ކަމަށެވެ.

ކުއްތާ ގަތުމަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފަ ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް