ރޫޙާނީގޮތުން ރަމަޟާންމަހަށް ތައްޔާރުވެވުނީ ކިހާވަރަކަށްތޯ ސުވާލުކުރަންޖެހޭ: ޝައިޚް ރާފިޢު

ރަމަޟާންމަސް ޝަރުޢުކުރެއްވުމުގެ އެންމެބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ރޫޙާނިއްޔަތު ތަރައްޤީކޮށް ތާޒާކަން ގެނުވުންކަމަށާ ރޫޙާނީގޮތުން އަޅުގަނޑުމެން ރަމަޟާންމަހަށް ތައްޔާރުވެވުނީ ކިހާވަރަކަށްތޯ އަމިއްލަ ނ...

23 Feb 2025 | 17:17

ރަމަޟާންމަސް ޝަރުޢުކުރެއްވުމުގެ އެންމެބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ރޫޙާނިއްޔަތު ތަރައްޤީކޮށް ތާޒާކަން ގެނުވުންކަމަށާ ރޫޙާނީގޮތުން އަޅުގަނޑުމެން ރަމަޟާންމަހަށް ތައްޔާރުވެވުނީ ކިހާވަރަކަށްތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭކަމަށް އައްޝައިޚް އިބްރާހީމް ރާފިޢު ވިދާޅުވެއްޖެއެވެ.

މަންފާ އަދި އަހުމަދިއްޔާ އެލަމްނައި ގުޅިގެން ރޭ ކާނިވާ ސްޓޭޖުގައި ބޭއްވި ދަރުސްގައި ޝައިޚް ރާފިޢު ވިދާޅުވީ އަޅުގަނޑުމެންގެ ކުރިމަތިވަމުން މިއަންނަނީ ބަރަކާތްތެރިވެގެންވާ މައްސަރެއްކަމަށާއި ﷲ ތަޢާލާވަނީ މި މައްސަރަށް ވަރަށް ބޮޑު މަތިވެރިކަމެއް ދެއްވާފައިކަމަށެވެ.

"ދުނިޔެވީގޮތުން އަޅުގަނޑުމެން ރަމަޟާންމަހަށް ވަރަށްގިނަ ތައްޔާރީތައް އެބަވަން. ގޭތެރެ ސާފުކޮށް، ގޭގައި ބާ ވެފައިވާ ފަރުނީޗަރުތައް ބަދަލުކޮށް، ގޭގައި ކުލަލައި މިފަދަ އެތައްގޮތަކުން ރަމަޟާންމަހަށް އެބަ ތައްޔާރީތައް ވަން. މިފަދަ ކަންތައްތަކުގައި އިސްރާފުކުރުމެއް ނުވާނަމަ އެއީ އެއްވެސް މައްސަލައެއް ނޫން. އަދި މިއީ ދިވެހިންގެ ހިތްތަކުގައި ރަމަޟާން މަހަށް ދެވިފައިވާ ޤަދަރު އަންގައިދޭ ކަމެއް" ޝައިޚް ވިދާޅުވިއެވެ.

ދަރުސް ނިންމާލައްވަމުން ޝައިޚް ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިއްމު އެއްކަމަކީ އަހަރެމެންގެ ނަފްސުތައް ފާފަތަކުން ޠޯހިރުކުރުމާއިއެކު އަހަރެމެންގެ ޙަޔާތަށް ބަދަލެއް ގެނުވާނެ މަހަކަށް މި ރަމަޟާން މަސް ވެގެންދާނެކަމުގެ ޢަޒުމުގައި މި މަހާއި ކުރިމަތިލުންކަމަށެވެ. ގާތްގަނޑަކަށް 45 މިނެޓުގެ މި ދަރުސް ވެގެންދިޔައީ ރޭގެ ހަފްލާއަށް ހާޒިރުވީ އެންމެންނަށްވެސް ވަރަށް ކަމުދިޔަ އަދި އެހާމެ ޝައުޤުވެރި ދަރުސަކަށެވެ. ޝައިޚް ގެ ވާހަކަދެއްކުމާއި މައުލޫމާތު ހުށައެޅުން ގިނަ ބަޔަކު ހައިރާންކޮށްލިއެވެ.

ގިނަ ބަޔަކު ހާޒިރުވި މި ދަރުސަކީ ޅަފަތުގައި އޮތް މަންފާގެ ފަރާތުން ބޭއްވި މިފަދަ ފުރަތަމަ ދަރުސެވެ. ޢަލީރަމީޒު އިސްވެ ހުންނަވައިގެން ހެދި މަންފާ ޖަމިއްޔާއަށް އަދި މިވީ މަހެކެވެ. ނަމަވެސް މި ކުޑަދުވަސްކޮޅުގެތެރޭގައި ދީނީ އަދި އިޖްތިމާޢީ ގިނަ ޙަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެތެރޭގައި އީގަލްސް ކޮމިއުނިޓީއާއިގުޅިގެން ގްރޭޓާމާލޭ ސަރަހައްދަށް އަމާޒުކޮށް ބާވެފައިހުރި މުސްޙަފްތައް ނައްތާލުމުގެ ޕްރޮގްރާމެއް ދާދިފަހުންވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ދީނީ ޢިލްމުވެރިންގެ ވީޑިއޯ ސީރީސްއެއް 'ޒިކްރު' ގެ ނަމުގައި ފެށުމުގެ އިތުރުން އެހެނިހެން ދީނީ ޕްރޮގްރާމްތައްވެސް ވީޑިއޯ ކުރަން ފަށާފައިވާކަމަށް މަންފާއިން ޚަބަރު ދެއެވެ. އަދި ޚިދުމަތް ޖަމިއްޔާ އަދި އުކުޅަސް ހޯޕް އާއި ގުޅިގެން ވަރަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަން މަންފާއިން ވަނީ ރާވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް