އުމުރުން 59 އަހަރުގައި ދުނިޔެ ދޫކުރި، މަގްބޫލު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން މުޙައްމަދު މާޖިދު (މެޒޯ މޯޑް)ގެ ހަޔާތުގެ ފަހު ވަގުތުކޮޅު ފެންނަ ވީޑިއޯއެއް މެޒޯ މޯޑްގެ ގާތް އެކުވެރިޔާ މަރްޒޫޤް އަޙްމަދު (މަރޭ) ފޭސްބުކަށް ދޫކޮށްލައިފިއެވެ.
އެ ވީޑިއޯގައި ފެނިގެންދަނީ ސެލޫން އަކަށް ގޮސް ރީއްޗަށް ބޯކޮށާލައި ނަލަވެލާ މަންޒަރެވެ.
ކެޕްޝަންގައި މަރްޒޫޤް ބުނެފައިވަނީ އުމުރުގެ 50ގެ އަހަރުތަކުގެ ފަހު ދުވަސްތައް ގުނަމުންގޮސް 60 އަށް ވާން މަދު ދުވަސްކޮޅަކަށް ވެފައިވުމުން ބޯކޮށަން ބުކިން ހެދުމަށްފަހު އެ މަންޒަރު ވީޑިއޯ ކުރަން ވީޑިއޯ ގްރާފަރަކު ހޯދަން އެދުނު ކަމަށެވެ. އަދި އެ ވީޑީއޯ ތައްޔާރުކޮށްދިނުމަށް އެދުނު ކަމަށެވެ.
"ވީޑިއޯ ކުރެވިފައި އެވަނީ އަބަދުގެ އަބަދަށް އަލްވަދާޢު ކިޔުމުގެ އެންމެ ދެ ގަޑިއިރު ކުރިން" މަރްޒޫޤްގެ އެ ޕޯސްޓްގައި ލިޔެފައިވެއެވެ.
އެ ވީޑިއޯއިން ފެނިގެންދަނީ ސެލޫން އަކަށް ގޮސް ބޯކޮށަން ވަންނައިރު މަރްޙަބާ ކިޔާ ބޭރު މީހާއާއި ސަލާންކޮށްލާ އޭނާއާއެކު އެތެރެއަށް ގޮސް ބޯކޮށާލާ މަންޒަރެވެ. އެއަށްފަހު ލޯ ކަޅު އައިނެއް އަޅާލައިގެން ރީއްޗަށް ބޯކޮށާލައިގެން ވީޑިއޯއަށް އިށީނދެލައިގެން އިންނަ މަންޒަރު ރެކޯޑުކޮށްފައިވެއެވެ.
މަރްޒޫޤް ވަނީ މެޒޯ މޯޑް ދުނިޔެ ދޫކުރުމުގެ ގާތްގަނޑަކަށް 45 މިނެޓު ކުރިން އެކުގައި ކޮފީއެއްގައި ހޭދަކުރި އިރުގެ ފޮޓޯތަކެއްވެސް މީގެ ކުރިން ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ފެންނަނީ ފަހުން އާންމު ކުރި ވީޑިއޯގައި ފެންނަ ހެދުމުގައި އެ އައިނުގައި މެޒޯ މޯޑް އިން ތަނެވެ. ބެލެވޭ ގޮތުގައި އެ ކޮފީއަކީ ބޯކޮށަށް ދިއުމަށްފަހު ރަހުމަތްތެރިންނާއެކު ދިޔަ ކޮފީއެކެވެ.
މުޙަންމަދު މާޖިދު ނުވަތަ މިޔުޒިކްގެ ދާއިރާއިން މަޝްހޫރު ނަމުން ނަމަ، މެޒޯ މޯޑް، މިޔުޒިކްގެ ދާއިރާއަށް ފުރަތަމަ ނިކުތީ 1977 ވަނަ އަހަރު ކްލަބް ކޯބްރާސްއިންނެވެ.
މެޒޯ މޯޑްގެ އަޑު މަޝްހޫރުވެގެންދިޔަ ލަވަތަކުގެ ތެރޭގައި ލަވަތަކުގެ ތެރޭގައި، [ކަމަނަ ގޯތީ އާދަނުތާ] [ވެއްޖެ ކަމަކާ ހައްޖާ ހަމައޭ] [ޖިސްމު] [ރޯނުއެދުރު] [އެޅި މިކަނޑުމަތި] [މާލިއަރާނޭ މާލިއަރާނޭ] [އަކިރި ދެމޭ] ފަދަ ލަވަތައް ހިމެނެއެވެ. އޭގެފަހުން މަޝްހޫރުވި ލަވަތަކުގެ ތެރޭގައި، [އުޑުން ތަރިތައް] [ވިސްނާ ވިސްނާ] [ދާނެހޭ ތިހަނދާން ފިލާ] ފަދަ ލަވަތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް