އެއްބަސްވުމާ އެއްގޮތަށް 620 ހައްޔަރީން ދޫކޮށްލަން އިސްރާއީލުން ދެކޮޅު ހަދައިފި

ހަމަލަތައް މެދުކަނޑާލަން އިސްރާއީލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމާ އިސްރާއީލުން އަނެއްކާވެސް ޚިލާފު ވެއްޖެއެވެ. އެގޮތުން އިއްޔެ ހަމާސް އިން އިސްރާއީލުގެ ހަ އަސީރަކު މިނިވަންކުރީ ބަދަލުގައި އިސްރާ...

23 Feb 2025 | 07:06

ހަމަލަތައް މެދުކަނޑާލަން އިސްރާއީލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމާ އިސްރާއީލުން އަނެއްކާވެސް ޚިލާފު ވެއްޖެއެވެ.

އެގޮތުން އިއްޔެ ހަމާސް އިން އިސްރާއީލުގެ ހަ އަސީރަކު މިނިވަންކުރީ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ ހައްޔަރީންގެ ތެރެއިން 620 ހައްޔަރީން ދޫކޮށްލާ ގޮތަށެވެ. އެއްބަސްވުމުގައި އޮތީ އެގޮތަށެވެ.

ނަމަވެސް ފަހު ވަގުތު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސް އިން ދެން ދޫކުރާނެ އަސީރުންގެ ތަފްސީލު ކަށަވަރު ނުކުރެވޭހާ ހިނދަކު ހައްޔަރީން މިނިވަން ނުކުރާނެ ކަމަށެވެ. އިސްރާއީލުން ތުހުމަތު ކުރަނީ ހަމާސް އިން އެއްބަސްވުމާ ޚިލާފުވެ އަސީރުންނާއިމެދު ކުޑައިމީސްކޮށް ހިތާކަމަށެވެ.

މިހާތަނަށް ހަތް ފަހަރެއްގެ މަތިން އަސީރުންނާއި ހައްޔަރީން ދެ ފަރާތުން ބަދަލުކޮށްފައިވާއިރު އިސްރާއީލުން މިފަހަރު ދެކޮޅު ހެދުމުން ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސަށް ދެވިދާނެ ކަމާއިމެދު މިހާރު އަނެއްކާވެސް މިވަނީ ސުވާލު އުފެދިފައެވެ.

ހަމާސް އިން ބުނަނީ އިސްރާއީލުން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވަމުން ދިޔަ ނަމަވެސް ދެވަނަ ފިޔަވައްސަށް ގެންދިއުމަށް މަޝްވަރާތައް ކުރުމަށް ހަމާސް އިން ތައްޔާރަށް ތިބި ކަމަށެވެ.

7 އޮކްޓޯބަރު 2023 އިން ފެށިގެން މެދުކެނޑުމެއްނެތި ދެމުން ދިޔަ ހަމަލަތައް މެދުކަނޑާލަން ދެ ފަރާތުން އެއްބަސްވީ މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް