ވިލާ ކޮލެޖުން 2024 ވަނަ އަހަރު ދޫ ކުރާ ރިސާރޗް ގްރާންޓް އިފްތިތާހްކޮށްފިއެވެ.
އިއްޔެ، މި ގްރާންޓް އިފްތިތާހުކޮށްދެއްވީ ވިލާ ކޮލެޖުގެ ރިސާރޗް އެންޑް އިނޮވޭޝަން، ޑެޕިޔުޓީ ވައިސް ރެކްޓަރ ޑރ. މުހައްމަދު އާދިލް އެވެ.
ވިލާ ކޮލެޖުން ބުނެފައިވާގޮތުގައި މިއީ އެ ކޮލެޖުގެ މުވައްޒަފުން ރިސާރޗްގެ ކުރުމަށްޓަކައި 500،000 ރުފިޔާއާ ހަމައަށް ދޫ ކުރާ ގްރާންޓެކެވެ. މި ގްރާންޓަކީ ވިލާ ކޮލެޖާއިގެ ފުލްޓައިމް ސްޓާފުންނަށް ހާއްސަކޮށް ހުޅުވާލެވޭ ފުރުސަތެކެވެ. ނަމަވެސް ޖޮއިންޓް އެޕްލިކޭޝަންތަކަށް ވަރަށް ބޮޑަށް ހިތްވަރުދީ، ވިޒިޓިންގ ސްކޮލަރުންނާއި، ލޯކަލް އަދި އިންޓަރނޭޝަނަލް ޔުނިވަރސިޓީ/އިންސްޓިޓިއުޝަންތަކާއި، އިންޑަސްޓްރީ ޕާޓްނަރުންނާއި، ސިވިކް ސޮސައިޓީއާއި، އަދި އެހެނިހެން ފަރާތްތައް ހިމެނޭ ކޮލަބަރޭޓިވް ގްރާންޓް ޕްރޮޕޯސަލްސް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ.
"ކިތަންމެ ކުޑަ ރިސާރޗްއަކަށް ވިއަސް ހަރަދުތަކެއް ކުރަން ޖެހޭ، ރިސާރޗް ގްރާންޓް ސްކީމް އިފްތިތާހު ކުރީ މި ކަންކަމަށް ފަސޭހަކޮށް ދިނުމަށް،" ޑރ. އާދިލް ވިދާޅުވިއެވެ.
ރިސާޗް ގްރާންޓުގެ މަގުސަދަކީ ވިލާ ކޮލެޖުގެ ދިރާސާގެ ގާބިލްކަން އިތުރުކުރުމަށާއި ދުނިޔޭގެ ދެމެހެއްޓެނިވި ލަނޑުދަނޑިތަކާ އެއްގޮތަށް ހަގީގީ ދުނިޔޭގެ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދޭ މަޝްރޫއުތަކަށް އެހީތެރިވުމެވެ.
ރިސާރޗް ގްރާންޓްއަށް އެދޭ ފަރާތްތަކުން އެމީހުންގެ ދިރާސާގެ މުހިންމުކަމާއި، އަމާޒުކޮށްފައިވާ އެސް.ޑީ.ޖީތަކާއި ގުޅުންހުރި ކަންކަން ބަޔާންކޮށް ފުރިހަމަ ޕްރޮޕޯސަލް ހުށަހެޅުމަށް އިލްތިމާސްކުރެއެވެ.
ރިސާޗް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ކަނޑައަޅާފައިވަނީ 2024 އޭޕްރީލް 30 (އަންގާރަ) ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް