ދެމަފިރިއެއްގެ ދޭތެރޭގައި ރަނގަޅު ގުޅުމެއް ޤާއިމްވާނީ، ލޯތްބާއި، އަޅާލުމާއި އަދި އިތުބާރު ދެމެހެއްޓިގެނެވެ. މީހަކަށް މީހަކު ކަމުގޮސްގެން ކައިވެނި ކުރާއިރު، ކައިވެނި ބަދަހިކަންމަތީގައި ދެމެހެއްޓުމަކީވެސް އެހާ ފަސޭހައިން ވާނެކަމެއްނަމައޭ ވަރަށް ގިނަ މީހުން ހިތައްއަރާނެއެވެ. އެކަމަކު ވިސްނަންވީ ކަމަކީ ކިތަންމެ ލޯބިން ދިރިއުޅޭ ދެމަފިރިއެއްގެ ދެމެދުގައިވެސް އަސްލު ހަޤީޤަތުގައި މައްސަލަތަކެއް ހުންނާނެކަމެވެ. ޚިޔާލު ތަފާތުވުންތަކެއްވެސް ހުންނާނެއެވެ. ނަމަވެސް ކައިވެނީގެ ފުރަތަމަ ދުވަހުވެސް ބޭނުންވިފަދަ އުފާވެރި ދިރިއުޅުމެއް މުޅި އުމުރަށް ދެމިއޮންނާނީ، މި ދެންނެވި ޚިޔާލު ތަފާތުންތަކަށާއި ދިމާވާ މައްސަލަތަކަށް ހައްލު ހޯދޭނެ ދެމަފިރިންނަށެވެ.
އިހްތިރާމްކުރުން
އުފާވެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް އެންމެ މުހިއްމު އެއްކަމަކީ ދެމީހުން ދެމީހުނަށް އިޚްތިރާމްކުރުމެވެ. އިޚްތިރާމާއެކު އެކަކު އަނެކަކާއި މުއާމަލާތު ކުރާށެވެ. އަދި ދެމީހުން ދެމީހުނަށް ކަންތައްތައް ކޮށްދިނުމުގައިވެސް ލޯތްބާއި އަޅާލުން އިސްކުރާށެވެ. ކޮންމެހެން ހުރިހާ ކަމެއްގައި ދެ މީހުންގެ ޚިޔާލު އެއްގޮތް ނުވެދާނެއެވެ. ކޮންމެހެން އެއްގޮތްވާކަށް ނުވެސް ޖެހެއެވެ. ނަމަވެސް އެކަކު އަނެކަކުގެ ޚިޔާލަށްވެސް އިޚްތިރާމް ކުރަންވާނެއެވެ. ގުޅުމެއް ދެމެހެއްޓުމަށް އިޙްތިރާމް ދަަމެހެއްޓުމަކީ މުހިއްމުކަމެކެވެ. އަދި ދެމީހުން ދޭތެރޭގައި ޖެހޭ މައްސަލަތައްވެސް ފަސޭހައިން ހައްލުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
އަމިއްލަ ނަފްސުވަންތަކަން
ދެމަފިރިއަކަށްވުމުގެ ކުރިން ތިމާއަކީ އެކަނި ހުރި މީހެކެވެ. އަމިއްލަ ގޮތްތަކަކާއި އުސޫލުތަކެއް އަދި ގަބޫލު ކުރާ ހަމަތަކެއް ހުންނާނެއެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިއަކަށް ވާހިސާބުންވެސް މި ގޮތްތަކާއި އުސޫލުތައް ހިފަހައްޓާށެވެ. އެއީ ތިމާގެ އަމިއްލަވަންތަ ގޮތްތަކެވެ. ކާމިޔާބު އަދި ވަރުގަދަ ގުޅުމެއްގެ މައްޗަށް ބިނާވެފައި އޮންނަ ދިރިއުުޅުމެއްގައިވެސް، އެކަކު އެކަކުގެ އަމިއްލަވަންތަ ކަންތައްތަކާއި ލޯބިކުރާ ކަންތައްތައް ހޯދައިދީ އަދި ކުރިއަރުވަން މަސައްކަތްކޮށްދޭށެވެ. އަދި ކޮންމެމީހަކީވެސް އިންޑިޕެންޑެންޓް މީހެއްގޮތުގައި ހުރުމުގެ ފުރުސަތު ފަހިކޮށްދޭށެވެ. އެއީ އަމިއްލަ ނަފްސަށް އަޅާލުމުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެކެވެ. އަމިއްލަ ނަފްސަށް އަޅާލެވޭނަމަ ދިރިއުޅުމުގެ އެހެންކަންކަމާއި ކުރިމަތިލައި އަދި އުފާވެރި ދިރިއުޅުމެއް ދެމެެހެއްޓުމުގެ ބާރަކަށް ވެގެން ދާނެއެވެ.
ކޮންމެ ވާހަކައެއްވެސް ދައްކާލެވުން
ގުޅުމެއްގެ އެންމެ މުހިއްމު އެެއްކަމަކީ، ދިމާވާ ކޮންމެކަމެއްވެސް ނުވަތަ ހިއްސާކޮށްލަން ބޭނުންވާ ކޮންމެކަމެއްވެސް އެއްވެސް ފޮރުވުމެއް ނެތި ތެދުވެރިކަމާއެކު ބައިވެރިޔާއާއި ހިއްސާކޮށްލެވުމެވެ. އެއީ ދިރިއުޅުމެއް ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ބިންގަލެވެ. ތިމާ ބޭނުންވާ ކޮންމެ ވާހަކައެއްވެސް އެއްވެސް ފޮރުވުމެއްނެތި ތެދުވެރިކަމާއެކު، ބައިވެރިޔާާއި ހިއްސާކޮށްލަން ކެރޭނަމަ ދިރިއުޅުމުގެ މިހާރު ތިޔަހުރި މަރުހަލާ ވަރަށް ރަނގަޅެވެ. ދެމީހުން ދެމީހުނާ ރަނގަޅުގޮތުގައި ތެދުވެރިކަމާއެކު ކޮންމެ ކަމަކާއިވެސް މުއާމަލާތު ކޮށްލެވޭނަމަ ދެމަފިރިންގެ ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަވެގެންދާނެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް، ދެމީހުން ވާހަކަދައްކާލާނެ ވަގުތުކޮޅެއް ހޯދުމަކީ މުހިއްމުކަމެކެވެ. ދުރުގައި ހުންނަނަމަ ފޯނުންވިޔަސް، އެ ވަގުތުކޮޅު ހޯދާށެވެ.
އިތުބާރު
ގިނަމީހުނަށް ހީވެފައި އޮންނަގޮތުން ދިރިއުޅުމަށް އެންމެ ބޭނުންވަނީ ހަމައެކަނި ލޯތްބެވެ. ދިރިއުޅުމަށް ލޯބިވެސް ބޭނުންވެއެވެ. ނަމަވެސް ދިރިއުޅުމެއް އެންމެ ރައްކާތެރިގޮތުގައި ބާއްވަން ބޭނުންނަމަ އިތުބާރު ދަމަހައްޓާށެވެ. އިތުބާރު ގެއްލުވާނުލާށެވެ. އެއީ ގެއްލިެއްޖެ އިތުބާރަކީ އަލުން ހޯދަން އުނދަގޫ އެއްޗަކަށްވާތީއެވެ. އެންމެ އުފާވެރި އަދި އެންމެ ފުދިގެން އުޅޭ ދިރިއުޅުންތަައް އަސްލު ބިނާވެފައި އޮންނަނީ އިތުބާރުގެ މައްޗަށެވެ. އަބަދުވެސް ހަނދާންކުރަންވީ ކަމަކީ އިތުބާރަކީ "ދެކޮޅަށް ދުއްވާ މަގެއް" ކަހަލަ އެއްޗެއްކަމެވެ. މާނައަކީ އިތުބާރަކީ، ދެމީހުންވެސް އުފައްދަންޖެހޭ އަދި ދަމަހައްޓަންޖެހޭ އެއްޗެކެވެ. ދެމީހުންގެ ތެރެއިން ކޮންމެ މީހަކު އިތުބާރު ގެއްލޭކަމެއް ކުރިނަމަވެސް ދިރިއުޅުމުގައި އެލެވުނީ ވަރަށް ބޮޑު ރެނދެކެވެ. އެހެންކަމުން އެކަކު އެނެކަކަށް ކަންކަން އޮޅުވާލަން މަސައްކަތް ކުރުމާއި، ކުދި ނަމަވެސް ދޮގުހެދުމުން ދުރުހެލިވާށެވެ. ދެމަފިރިންގެ ތެރެއިން ކޮންމެ މީހެއްގެވެސް އަސްލު ކޮލިޓީ ދައްކުވައިދޭނީ، އިތުބާރު ގެއްލުވާނުލައި، ތެދުވެރިކަމާއެކު ދިރިއުޅުން ކުރިއަށް ގެންދިޔުމުގައި އެ ސާބިތުވާ ސާބިތުވުމުންނެވެ.
ޒިންމާތައް
ދިރިއުޅުމުގެ އެކިއެކި ކަންކަމުގެ ޒިންމާތައް ދެމީހުނަށް ބަހާލާށެވެ. އަދި ޒިންމާތައް އަދާކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތުން ކޮށްދޭ ކަންކަން ގޮތުގައި ކުރާށެވެ. އެއީ ގޭތެރެގެ މަސައްކަތްތަކުން ފެށިގެން، ޚަރަދުތައް މެނޭޖްކުރާނެ ގޮތަކާއި ހަމަޔަށެވެ. ޒިންމާޛތައް ބަހާލައިގެން ކުރިއަށް ގެންދިޔުމަކީ ދެމީހުންގެ ދެމެދުގައިވެސް ގުޅުން ވަރުގަދަވެގެން ދާނެކަމެކެވެ. އަދި އެކަކު އުފުލަންޖެހޭ ބުރަ، ލުއިކޮށްދިނުމުގެ ގޮތުން އަނެކަަކު އެހީތެރިވެ އެ ތަކްލީފަށް ތަސައްލީއެއް ހޯދައިދިނުމުން، ދިރިއުޅުމަކީ ތުރާލަކަށްވުރެ ބޮޑަށް، ދިރިއުޅުމަކީ އުފާވެރި އިހުސާސެއް ގޮތުގައި ދެމީހުނަށްވެސް އިހުސާސް ކުރެވޭނެއެވެ.
ދިރިއުޅުމުގެ ކަންކަން މެނޭޖް ނުކުރެވޭނަމަ، މިސްރާބު ނެތް އޮޑިއެއްގޮތަށް އަމިއްލަ ދިރިއުޅުން ސިފަކުރެވޭ ޙާލަތުވެސް އަތުވެދާނެއެވެ. ނަމަވެސް އިޚްތިރާމާއި، އިތުބާރާއެކު ދިރިއުޅުމައި ދިމާވާ ކަންކަން ފޮރުވުމެއްނެތި ހިއްސާކުރެވި، ދެމީހުން ދެމީހުނަށް އެހީތެރިކަން ފޯރުކޮށްދީ، ލޯތްބާއި އަޅާލުމާއެކު ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތްކުރާނަމަ، ދިރިއުޅުން ސިފަވާނީ ތިމާމެން ބޭނުންގޮތަަށް ބޭނުން ކުލައެއް ޖައްސާލަން ލިބިފައިވާ ރީތި ތަސްވީރެއްގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް