ދަނޑުވެރިކަން ކުރިއަރުވާ ދަނޑުވެރިކަން ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ ކުންފުނި އެގްރޯނެޓުން ކ. ކާށިދޫގައި "ކާށިދޫ މާރުކޭޓް" ގެ ނަމުގައި ލޯކަލް މާރުކޭޓެއް މިއަދު ހުޅުވައިފިއެވެ.
އެގްރޯނެޓުން ބުނެފައިވާގޮތުގައި ކާށިދޫގައި ހުޅުވި މާރުކޭޓަކީ އަންހެނުންނާ ޒުވާނުންގެ އިތުރުން ދިވެހި އުފެއްދުންތައް އުފައްދާ އެހެން ވެސް ދިވެހި ރައްޔިތުންނަށް އެތަކެތި ފަސޭހަކަމާ އެކު ވިއްކޭނެ އިންތިޒާމެއް ފަހިކޮށްދިނުމުގެ މަޤުޞަދުގައި ހަފުތާ ސާދައިގެ މަގުޗާޓުގައި ކަނޑައަޅުއްވާފައިވާ ވަޢުދުގެ ދަށުން އަދި އެގްރޯނެޓްގެ އިޖްތިމާޢީ އެހީގެ ޕްރޮގްރާމްގެ ދަށުން އެރަށުގައި ބިނާކުރެވިފައިވާ މާރުކޭޓެކެވެ.
ކާށިދޫ މާރުކޭޓް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވިފައި ވަނީ މިއަދު ހަވީރު 5:00 ގައި އެރަށު ބަނދަރު ސަރަޙައްދުގައެވެ.
މާރުކޭޓް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ކާށިދޫ ކައުންސިލްގެ ނައިބު ރައީސާ އަލްފާޟިލާ ސަހުލާ ނިޒާރެވެ. މި ޙަފުލާގައި މާރުކޭޓުން ގޮޅި ލިބުނު ފަރާތްތަކަށް ގޮޅި ލިބުންކަމުގެ ލިޔުން ވެސް ޙަވާލުކުރެވިފައި ވެއެވެ.
މިއީ މިގޮތުން ހުޅުވުނު ފުރަތަމަ މާރުކޭޓު ކަމުގައި ވީނަމަވެސް ކާށިދޫގެ އިތުރުން އެހެން ރަށް ރަށުގައި ވެސް މިފަދަ މާރުކޭޓުތައް އެޅުމަށް ހަމަޖެހިފައިވާކަމަށް އެގްރޯނެޓުން ބުނެއެވެ.
އެގްރޯނެޓާ އެކު ސޮއި ކުރެވިފައިވާ ފަހުމުނާމާއެއްގެ ދަށުން ކާށިދޫ މާރުކޭޓު ހިންގާނީ ކާށިދޫ ކައުންސިލުންނެވެ. އެގޮތުން ގޮޅިތައް ކުއްޔަށް ދޭނެ ފަރާތްތައް ކަނޑައެޅުއްވުމުގެ އިތުރުން މާރުކޭޓު ހިންގާ ބަލަހައްޓާނީ ކައުންސިލުންނެވެ. ކާށިދޫ މާރުކޭޓުގައި ޖުމްލަ ފަސް ގޮޅި ހިމެނެއެވެ. އަދި މާރުކޭޓު ފަރުމާކުރެވިފައި ވަނީ ގޮޅިތައް އިތުރު ކުރެވޭނެ ގޮތަށެވެ.
ދިވެހި އުފެއްދުންތައް ވިއްކުމަށްޓަކައި ކާށިދޫ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައި ވާކަމަށާއި އެގޮތުން މާރުކޭޓުގެ ހުރިހާ ގޮޅިއެއް ވެސް ވަނީ ކުއްޔަށް ދޫކޮށް ނިމިފައިކަން އެގްރޯނެޓުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް