މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީއާއެކު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަނަސް (އެމްޑީއޭ) އިން މިއަދު މަޝްވަރާކޮށްފި އެވެ.
އެމްޑީއޭއިން ކުރި ޓްވީޓެއްގައި ބުނީ، މި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
ސަން ސިޔާމް ބިލްޑިންގައި ބޭއްވެވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
އެމްޑީއޭގެ ފަރާތުން ބައިވެރިވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަލީ މައުރޫފާއި އައިޝަތު ރަފިއްޔާ އެވެ.
އެމްޑީޕީއާއި ބައްދަލު ކުރި އިރު އެމްޑީއޭއިން ވަނީ އެ ޕާޓީއާއި އެކު ކޯލިޝަނަނާއި ގުޅޭގޮތުން މަޝްވަރާ ކުރަން ބޭނުންވާ ހުރިހާ ޕާޓީތަކާއި މިއަދު މަޝްވަރާ ކުރާނެ ކަމަށް ބުނެފައި އެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނާއި ވެސް މިއަދު ބައްދަލު ކުރާކަން ވަނީ ހާމަކޮށްފައި އެވެ.
ޕީޕީއެމުން ބުނީ އެމްޑީއޭއާއެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރުން ބާއްވާ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 5:00 ގައި ސަން ސިޔާމް ބިލްޑިންގްގައި ކަމަށެވެ. އެ ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދޭން ވަނީ ނިންމައިފަ އެވެ.
އެމްޑީއޭ އެންމެ ފަހުން ކޯލިޝަންގައި މަސައްކަތް ކުރީ ޕީޕީއެމް އާއި އެކު އެވެ. 2013 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނަން ހެދި ކޯލިޝަން އެމަނިކުފާނުގެ ފަސް އަހަރު ނިމެންދެން ދެމިއޮތެވެ.
އެ ޕާޓީން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ނިންމައި، ކޯލިޝަނަކާއި ގުޅިގެން ކުރިޔަށްދާން ނިންމާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް