މަރްހޫމް ރިޒާގެ އާއިލާއަށް ރައީސް ސޯލިހު ތައުޒިޔާ ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މަރުހޫމް އިބްރާހިމް ރިޒާގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ. ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަ...

23 Feb 2023 | 08:00

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މަރުހޫމް އިބްރާހިމް ރިޒާގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވީ ރޭގެ ވަގުތެއްގައި މެލޭޝިއާގައި އެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު އިބްރާހީމް ރިޟާއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ. އެމަނިކުފާނު ވަނީ މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވައި، މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާކޮށްފައި އެވެ.

ރިޒާ މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ 14 އަހަރު ވެއްޖެ އެވެ. ރިޒާ ތިން ދައުރުގައިވެސް ކުރައްވާފައިވަނީ ކ. ގުރައިދޫ ދާއިރާގެ މެމްބަރު ކަމެވެ.

އެންމެ ފުރަތަމަ މެމްބަރުކަން ކުރެއްވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 2014 އިން 2019 އަށް މަސައްކަތް ކުރެއްވި އެވެ.

އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު އަވަހާރަވިއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާކީ ދައުރު ނިމެން އޮތީ އަހަރެއްހާ ދުވަހެވެ.

މެމްބަރު ރިޒާ އަވަހާރަވުމާއި ގުޅިގެން ސަރުކާރުގެ ވެރިންނާއި ސިޔާސީ ފަރާތްތަކުން ދަނީ ތައުޒިޔާ ފޮނުއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް