ހިޔާ ފްލެޓްތަކުގައި އިންސްޕެކްޝަނެއް: ގަވާއިދާ ހިލާފަށް އަމަލުކުރާނަމަ ފިޔަވަޅު އަޅަނީ

ހިޔާ ފްލެޓްތަކުގައި މިހާރުވެސް އިންސްޕެކްޝަނެއް ކުރިއަށްދާކަމަށާއި ގަވާއިދާއި ހިލާފަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެކަމުގައި އެޗްޑީސީއިން ބުނެފިއެވެ. އެޗްޑީސީއިން މިއަދު ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ...

23 Feb 2023 | 07:03

ހިޔާ ފްލެޓްތަކުގައި މިހާރުވެސް އިންސްޕެކްޝަނެއް ކުރިއަށްދާކަމަށާއި ގަވާއިދާއި ހިލާފަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެކަމުގައި އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީއިން މިއަދު ބުނެފައިވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓްތަކަކީ އެއްމެ ބޮޑު އެއް އަބާދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅެމުން ގެންދާ ސަރަހައްދެވެ. އެހެންކަމުން، މި ފުލެޓްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލުތަކަކާއި ޤަވައިދުތަކެއް އެ ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާފައިވާނެކަމަށެވެ.

"މިގޮތުން، ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ. އިމާރާތުގެ ސްޓަރަކްޗަރއަށް ގެއްލުން ވާ ފަދަ ޓޫލްތައް ނުވަތަ އެކަހަލަ މަސައްކަތް ކުރުން ވަނީ މަނާ ކުރެވިފައެވެ. އަދި ހަމަ އެފަދައިން އިމާރާތް ބޭނުން ކުރުމުގައި ވެސް އެހެން ފަރާތްތަކަށް އުނދަގޫ ނުވާނޭ ގޮތަށް އިމާރާތް ބޭނުން ކުރުމަށް ވަނީ އުސޫލުތަކެއް ހެދިފައެވެ. މިގޮތުން، ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް ފްލޯރ ކަނޑައެޅިފައިވެއެވެ." އެޗްޑީސީއިން ބުނެފައިވެއެވެ.

އެހެން ނަމަވެސް އެކި ފަހަރު މަތިން އެ ކޯޕަރޭޝަންގެ ފަރާތުން ހިންގާފައިވާ އިންސްޕެކްޝަންތަކުގައި މި އުސޫލުތަކާއި ޤަވައިދުތަކާއި ހިލާފު ގިނަ ކަންތައްތަކެއް ފާހަގަކުރެވެމުން އަންނަ ކަމަށާއި އެގޮތުން، ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުން، އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރުން، ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުން އަދި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން އެ އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވާކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުގައި މިފަދަ ކަންކަން މަނާ ކުރެވިފައިވަނީ ރައްޔިތުންގެ ފަސޭހަ އާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަމަށް ވާތީ، ކަނޑައެޅިފައިވާ ޤަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން މިގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ވަނީ ޖޫރިމަނާ ކުރެވި، ފިޔަވަޅު އެޅިފައި ކަމަށެވެ. އަދި މިހާރުވެސް މިކަމަށް ޙާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މި އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލާ އެކަށީގެންވާ ފިޔަވަޅުތައް ޤަވައިދާއި އުސޫލުތަކުގެ ތެރެއިން އަޅަމުންގެންދާނެ ކަމަށާއި އެޗް.ޑީ.ސީގެ އަމާޒަކީ ހުޅުމާލެ އަކީ، ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ، ރައްކާތެރި ވެއްޓެއް ޤާއިމު ކުރެވިފައިވާ ރަށަކަށް ހެދުން ކަމުގައި އެޗްޑީސީއިން ބުނެއެވެ. އަދި މިކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަމުގައިވެސް އެޗްޑީސީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް