ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޖަރުމަނުގެ އާރްބީ ލައިޕްޒިގުން މެންޗެސްޓާ ސިޓީއާ އެއްވަރުކުރި އިރު، ލުކާކޫ ފަހުވަގުތު ޖަހައިދިން ލަޑުން އިންޓަމިލާނުން ޕޯޓޯ ބަލިކޮށްފިއެވެ.
ލެއިޕްޒިގް އާއި މެންޗެސްޓަރ ސިޓީ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. އަދި އިންޓަ މިލާނުން ޕޯޓޯ ބަލިކުރީ 1-0 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން ރަނގަޅަށް ކުޅުނު ސިޓީން މެޗުގެ ލީޑު ނެގީ 27 ވަނަ މިނެޓުގައެވެ. މި ލަނޑު ސިޓީއަށް ޖަހައިދިނީ އިލްކާއި ގުންޑޮގާން ދިން ބޯޅައަކުން ރިޔާދު މާރޭޒްއެވެ.
ލެއިޕްޒިގުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގެ 70 ވަނަ މިނިޓްގަ އެވެ. އެ ގޮތުން، ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ޖޮސްކޯ ގްވާޑިއޯލްއެވެ.
މި ނަތީޖާއާއި އެކު ކުއާޓާ ފައިނަލަށް ދިއުމަށް ދެ ޓީމަށް ވެސް ހަމަހަމަ ފުރުސަތެއް އޮތް އިރު، މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މަހުގެ 14 ވަނަ ދުވަހުގައެވެ. މި މެޗު ކުޅޭނީ ސިޓީގެ ދަނޑުގައެވެ.
އިންޓަމިލާން އަދި ޕޯޓޯ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.
ފަހު ހާފަށް ކުޅެން ނިކުމެ ޕޯޓޯއަށް މައްސަލަތަކާއި ކުރިމަތިވީ މެޗުގެ 78 ވަނަ މިނެޓުގައި ޕޯޓޯގެ އޮޓާވިއޯއަށް ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ޕޯޓޯއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުމުގެ ފައިދާ ނަގާ އިންޓައިން ކުރިހޯދީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މި މެޗުގައި އިންޓަ މޮޅުކޮށްދިން މި ލަނޑު ޖަހައިދިނީ ރޮމެލޫ ލުކާކޫއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް