ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓު) ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
2.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ޕެސްޓް ހައްޔަރުކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި މަސްތުވާތަކެއްޗާއެކު ޕެސްޓު ހިމެނޭހެން ތިން މީހަކު ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕެސްޓު ވަނީ، އޭނާގެ ޓޮންސިލަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި، އޭނާ އަށް އެކަށީގެންވާ ފަރުވާ ދައުލަތުގެ ފަރާތުން ހަމަޖައްސައި ދެމުން ނުދާކަމަށް ބުނެފައެވެ. އެހެން ނަމަވެސް ދައުލަތުގެ ފަރާތުން ވަނީ މިހާރު ވެސް އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށާއި، އެކަމާއި ގުޅޭ ލިޔެކިޔުންތައްވެސް ކޯޓަށް ހުށައަޅާފައެވެ.
އެހެން ނަމަވެސް މި މައްސަލަ ބައްލަވާ ގާޒީ ވަނީ 60 ދުވަހަށް ޕެސްޓު ގޭބަންދަށް ބަދަލު ކުރަން ނިންމާ، ބޭސް ފަރުވާ ހޯދަން ނޫން އެހެން ގޮތަކަށް ބޭރުގައި ނޫޅުމަށް ޝަރުތު ކޮށްފައެވެ.
ޕެސްޓުގެ މައްޗަށް މައިގަނޑު ފަސް ދައުވާއެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 50 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ޕެސްޓްގެ މައްޗަށް އަންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް