ގައިދީން ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް ކަރެކްޝަނަލް ސަރވިސް އިން އައިޖީއެމްއެޗާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުން ސްޕެޝަލިސްޓް މެދުވެރިކޮށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން ވެވުނު އެއްބަސްވުމެކެވެ.
އެއް އަހަރު ދުވަހަށް ވެވުނު މި އެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އިބްރާހިމް ސަލީމްއެވެ.
ޤައިދީންނާއި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، އެ ފަރާތްތައް އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ޚަރަދު ބޮޑު ކަމަކެވެ.
މިގޮތުން މި ފަހުމްނާމާގައި ސޮއިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ޢާންމު ނޫން ބަލިތަކަށާއި އުނދަގޫތަކަށް، އެ ކަމާ ގުޅުންހުރި ސްޕެލިސްޓުން މެދުވެރިކޮށް ޖަލުގައި ބައިތިއްބައިގެން ފަސޭހަކަމާއެކު ސިއްޙީ ފަރުވާ ފޯރުކޮށްދިނުން ކަމުގައި އެމްސީއެސް އިން ހާމަކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން، ކުރުމުއްދަތަކަށް އައިޖީއެމްއެޗްގެ ފަރާތުން ޖަލުތަކަށް ސުޕަރ ސްޕެޝަލިސްޓުންނާއި ނަރުހުންގެ އިތުރުން އެހެނިހެން ޓެކްނިކަލް މުވައްޒަފުން ފޮނުވައި، ފަހަރަކު މަދުވެގެން 20 މީހުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގައި އެމްސީއެސް އިން ބުނެއެވެ.
މިފަދަ އިންތިޒާމްއެއް ހަމަޖެހިގެން ދިއުމަކީ ޤައިދީންނާއި ބަންދުމީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމުގައި ފާހަގަކޮށް އެމްސީއެސް އިން ބުނީ ކޯވިޑް-19 ގެ މި ޙާލަތުގައި އެމްސީއެސްގެ އަމާޒަކީ ޤައިދީންނާއި ބަންދުމީހުންނަށް ވީހާވެސް ރައްކާތެރިކަމާއެކު ބޭސް ފަރުވާ ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް