ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމާއި ބ. ކުޑަރިކިލުގައި ހިންގި ޕްރޮޖެކްޓްތައް ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ލ. ގަމާއި ބ. ކުޑަރިކިލުގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ. މިއި ދެމެހެއްޓެނެވި ގޮތެއްގައި ރަ...

23 Feb 2022 | 09:28

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ލ. ގަމާއި ބ. ކުޑަރިކިލުގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

މިއި ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމު ބީޗުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށް މަތިމަރަދޫ އަވަށު ބޮޑުމަގުގައި ވަނީ ސޯލާ މަގުބައްތި ހަރުކޮށްފައެވެ. ކޮމިއުނިޓީ ބީޗް ޕާކުގައި ވަނީ އެސަރަހައްދަށް ދަތުރުގޮސް އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން ބެންޗު ބަހައްޓައި، އުނދޯލި ބަހައްޓައި ބާބަކިއު ހެދޭނެ ގޮތް ގާއިމްކޮށްފައެވެ.

މި ޕާކުގެ ވަށައިގެން ވަނީ ލަކުޑިން ފެންސް ޖަހައި ކުޑަކުދިން ކުޅޭނެ ތަނެއް ވެސް ގާއިމުކޮށްފައެވެ. އަދި އައުޓްޑޯ ޝަވަރެއް ހަރުކޮށް، ރޭގަނޑު އަލިވާނެހެން ސޯލާ މަގުބައްތި ބަހައްޓައި، ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިންވެސް ވަނީ ބަހައްޓާފައެވެ.

ބ. ކުޑަރިކިލުގައި މީހުން ދިރިއުޅޭ ސަރަހައްދުގެ މަގު ބައްތިތައް ވަނީ އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރި ކުރުވުމާއި ރަށުގެ މަގުތައް އަނދިރި ވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އާންމު ތަންތަނަށް ކަރަންޓު ދިނުމަށް ކުރާ ހޭދަ ކުޑަވާނެއެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 60 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް