ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ޑައިލަސިސްގެ ޚިދުމަތް ފެށޭނެ ކަމަށެވެ.
މީގެ އިތުރުން ބާކީހުރި ހޮސްޕިޓަލްތަކުގައި މިއަހަރުތެރޭގައި ޑައިލިސްގެ ޚިދުމަތް ފެށޭނެ ކަމަށް ވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ކިޑްނީ ބަލީގެ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ އިރު، މާލެ ސަރަހައްދުގައި އެކަނި ވެސް ޑައިލިސިސް ހަދާ 150 އަށް ވުރެ ގިނަ މީހުން ތިބިކަމަށް ދައްކައެވެ.
ކިޑްނީގެ ބަލިތަކަށް ދޭ ފަރުވާގެ ނިޒާމް ރާއްޖޭގައި އަންނަނީ ފުޅާކުރަމުންނެވެ. މިގޮތުން ކިޑުނީ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި ވަނީ ނޭޝަނަލް ޔޫރޯ އެންޑް ރީޖަނަލް ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް